ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޖަލްސާތައް މައުމޫން ފައްޓަވައިދެއްވަނީ

މިއަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން އިހްޔާ ފޯރަމްތައް މާދަމާ ރޭ ފައްޓަވައިދެއްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ވޭތުވެ ދިޔަ އަހަރުތަކެކޭ އެއްގޮތަށް މި ރޯދަ މަހު ވެސް ކޮންމެ ހަފުތާއަކު ދެ ރޭ އިހްޔާ ޖަލްސާ ބާއްވާނެއެވެ.  އެގޮތުން މިފަހަރުގެ ރަމަޟާން މަހުގެ ޖަލްސާތައް އޮންނާނީ އާދިއްތަ ދުވަހުގެރެއާއި ބުރާސްފަތި ދުވަހުގެރެއެވެ.
މި ޖަލްސާތައް އޮންނާނީ ކޮންމެ ރެޔަކު 9:30 އިން 10:30 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައިއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް އިހްޔާ ޖަލްސާތަކުގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިހްޔާ ފޯރަމްތަކުގައި ރާއްޖޭގެ ދީނީ އިލްމުވެރިން ދީނީ އެކި މައުޟޫއުތަކާއި މުޖުތަމައަށް ބޭނުންތެރި މައުޟޫއުތަކަށް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ.ޒިޔާދު ބާގިރު ވެސް ހިމެނިވަޑައިގަންނަވައެވެ.
އިހްޔާ ޖަލްސާގެ އިތުރުން މި އަހަރު ވެސް ކޮންމެ ދުވަހަކު އަސުރު ނަމާދަށް ފަހު މާލޭގެ ހަތް މިސްކިތެއްގައި އާއި ހުޅުމާލެ އާއި ވިލިމާލޭގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުން އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ