އިނގިލީގެ ނިޝާނުގެ މައްސަލާގައި އަމަލު ކުރާނީ ކޯޓުން ނިންމާ ނިންމުމަށް - އީސީ

ސިޔާސީ ޕާޓީގައި ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިނގިލީގެ ނިޝާން ނެތް މެންބަރުން ޕާޓީން ވަކިކުރުމާ ގުޅޭ ގޮތުން ކޯޓުން ނިންމާ ގޮތަކަށް އަމަލުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޕާޓީތަކުން މެންބަރުން ވަކިކުރަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައިވާ މެންބަރުންގެ އިނގިލީގެ ނިޝާން ހުށަހަޅަން ނޭންގޭނެ ކަމަށް އެކޮމިޝަނަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ލަފާ ދެއްވާފައެވެ.
އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ މެންބަރުން ވަކި ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް ލަފާ ދެއްވީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ކަމަށް ވެދާނެ ކަމަށެވެ. ކޮމިޝަނުން ވަކި ގޮތެއް ނިންމައި ޕާޓީތަކުގެ މެންބަރުންގެ އިނގިލީގެ ނިޝާން ހަމަކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވާކަން އަކްރަމްވަނީ ފާހަގަ ކުރައްވާފައެވެ.
"އިތުރު ގޮތެއް ނިންމާނީ ކޯޓުން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފިނަމަ، ކޯޓުން އަމުރުކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ދާނެ،" އަކްރަމް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރު މުހައްމަދު ޝަކީލް ވިދާޅުވީ އިނގިލީގެ ނިޝާން ނުޖަހައި ތިބި މެންބަރުން އިނގިލީގެ ނިޝާން ހަމަކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވެފައިވާއިރު އެ މުއްދަތުގައި ހުށަހެޅި ފޯމުތައް ޗެކްކުރަމުން އަންނަ ކަމަށެވެ.
އިނގިލީގެ ނިޝާން ހުށަހަޅާފައި ނެތް މެންބަރުން ސިޔާސީޕާޓީތަކުގެ ދަފްތަރުން އުނިކުރަން ނިންމާފައިވާ މައްސަލަ އެމްޑީޕީން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އަދާލަތު ޕާޓީންވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ތަދުއްހުލްވާން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ