މެމްބަރުން ހައްޔަރުނުކުރެވޭނެ ކަމަށް ބުނާ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ދައުލަތުގެ އެއްވެސް މަގާމެއް ހުރި މީހަކު މަގާމުން ވަކިކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގައި އޮއްވާ މަޖިލީހުގެ އެއްވެސް މެމްބަރަކު ހައްޔަރުނުކުރެވޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ މާއްދާ ބާތިލްކުރަން ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ދައުލަތުން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވަނީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ށ. އަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އެ ގަވާއިދުގެ 202 ވަނަ މާއްދާގެ ރ. އަކީ ޖިނާއީ މައްސަލަތަކުގެ ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމާއިރު ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ މާއްދާއެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެ ގަވާއިދުގެ 204 ވަނަ މާއްދާގެ ނ. އަކީ ގާނޫނު އަސާސީގެ ،45 46 އަދި 48 ވަނަ މާއްދާއާ އަދި ފުލުހުންގެ ގާނޫނުގެ 8 ވަނަ މާއްދާގެ ށ. އާ ހިލާފް މާއްދާއެއް ކަމަށް ކަނޑައަޅައިނުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ. މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ށ. ގައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި މެމްބަރަކު ބަންދުކޮށްގެން ނޫނީ ތަހުގީގު ކުރިއަށް ގެންދެވެން ނެތް ހާލަތުގައި މެމްބަރަކު ބަންދުކުރަން ޖެހިއްޖެ ނަމަ އެކަން ކުރަންވާނީ މަޖިލީހުގެ ރައީސަށް އެންގުމަށް ފަހު ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ރ. ގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މިނިވަން މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި އެ ކަމާ މެދު މަޖިލީހުން ގޮތެއް ނިންމުމުމުގެ ކުރިން މެމްބަރަކު ހައްޔަރުނުކުރެވޭނެ ކަމަށެވެ. އެ ގަވާއިދުގެ 204 ވަނަ މާއްދާގެ ނ. ގައި ވަނީ މެމްބަރަކު ބަންދުކޮށްގެން މަޖިލީހުގެ އިމްތިޔާޒް ކޮމެޓީން އެކަން ބެލުމަށް ފަހު މަޖިލީހުގެ ރައީސަށް ފޮނުވާ ރިޕޯޓުގައި، އެ މެމްބަރަކު ބަންދުކޮށްފައިވަނީ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއްގެ މައްޗަށް ބިނާކޮށްފައި ނޫން ކަމަށް ބުނެފައިވާނަމަ އެ މެމްބަރަކު ބަންދުން ދޫކޮށްލަން މަޖިލީހުގެ ރައީސް އަންގަންވާނެ ކަމަށެވެ. ދާދި ފަހުން ބަނގުރަލުގެ މައްސަލައެއްގެ ތުހުމަތުގައި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުން އެ ބޭފުޅުން ދޫކޮށްލުމަށް ވެސް މަޖިލީހުގެ ރައީސް ވަނީ އަންގަވައިފަ އެވެ. އެގޮތަށް އަންގާފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަނާއި ރައީސް ޑރ. މުހައްމަދު ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި އޮތުމުންނެވެ. ފަހުމީގެ މައްސަލަ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. މަޖިލީހުގެ ގަވާއިދުގެ އެ މާއްދާ ބާތިލްކުރަން ކޯޓަށް މައްސަލަ ހުށަހަޅަން ސަރުކާރުން ނިންމިކަން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ އިއްޔެ އިއުލާން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ