އެމްޑީޕީން މާދަމާ ހަމަނުޖެހުން ހިންގާނެ ކަމުގެ ސިގްނަލް ލިބޭ: އިއްތިހާދު

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމާ ދިމާކޮށް، ތަންތަނުގައި ހުޅުޖެހުމާއި އާންމު ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުން ފަދަ ކަންތައްތަކެއް މާލެ އާއި ރަށްރަށުގައި ހިންގުމަށް އެމްޑީޕީން ރާވާފައިވާ ކަމަށް 23 ޑިސެމްބަރު އިއްތިހާދުން ތުހުމަތުކޮށްފި އެވެ. އިއްތިހާދުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އޮފީހުގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ ވިދާޅުވީ، ތަންތަނުގައި ހުޅުޖެހުން ފަދަ ކަންކަން އެމްޑީޕީން މާދަމާ ހިންގާނެ ކަމުގެ ވަރަށް ގިނަ ސިގްނަލްތައް ލިބެމުންދާ ކަމަށެވެ. އަދި އެ އިއްތިހާދުން އެކަމާ ދޭތެރޭ އިންތިހާއަށް ކަންބޮޑުވެ ހާސްވާ ކަމަށް އިމްރާން ވިދާޅުވި އެވެ. "މިފަދަ ހާލަތުގައި، ތޭވީސް ޑިސެމްބަރު އިއްތިހާދުގެ ފަރާތުން ދިވެހި ހުރިހާ ލޮބުވެރި ރައްޔިތުންނަށް، ހާއްސަކޮށް ތޭވީސް ޑިސެމްބަރު އިއްތިހާދުގައި ހިމެނޭ އަށް ޕާޓީ އާއި މަދަނީ އިއްތިހާދުގައި ހިމެނޭ ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން މި އެދެނީ މާދަމާ ހިންގަފާނެ ބޮޑު ޖަރީމާތަކަކަށް ވަރަށް ބޮޑަށް ސަމާލުވެ ތިބުމަށް. އަދި މިފަދަ ހާލަތުގައި ދައުލަތާއި އާންމު ރައްޔިތުންގެ މުދަލަށް ރައްކާތެރިވުމަށް، އެފަދަ ތަންތަނަށް ދީފާނެ ގެއްލުމަކުން ހިމާޔަތް ލިބިގަތުމަށްޓަކައި ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުން އެކުގައި ތިބުމަށް،" އިމްރާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނާއި ދައުލަތުގެ މުދާ ހިމާޔަތްކުރުމަށް މިހާތަނަށް ވެސް މަސައްކަތްކޮށްފައިވާނެ ކަމަށާއި އަދި މާދަމާގެ "ބިރުވެރި ހާލަތުން" ގައުމު ސަލާމަތްކުރަން އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ