އާފިޔާ ބަންދުގައި ބަހައްޓަން ހައި ކޯޓުން ތާއީދުކޮށްފި

ވ. ރަކީދޫގައި މަރާލާފައި އޮއްވާ ފެނުނު މުހައްމަދު އިބްތިލާހްގެ މަރުގެ ތުހުމަތުކުރެވޭ އޭނާގެ މަންމަ، އާފިޔާ މުހައްމަދު ބަންދުގައި ބަހައްޓާފައި ހުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. އާފިޔާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އެކި ފަހަރު އިތުރުކޮށްދީފައިވާ އިރު، އޭނާ ބަންދުގައި ބަހައްޓަން އެ ކޯޓުން އެންމެ ފަހުން އަމުރެއް ނެރުނީ މި މަހު 10 ގަ އެވެ. އެ ފަހަރު ވެސް ކޯޓުން ދީފައި ވަނީ 15 ދުވަހުގެ މުއްދަތެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރު އާފިޔާގެ ފަރާތުން އިސްތިއުނާފް ކޮށްފައިވެ އެވެ. އެ އަމުރަށް ތާއީދުކޮށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނި ގޮތުގައި އާފިޔާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން ނިންމީ ތުހުމަތު ކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި ތަހުގީގަށް ހުރި ގޮންޖެހުންތަކާއި ހެކި ނައްތާލުމުގެ ފުރުސަތު އޮތް މިންވަރު ފަދަ ކަންކަމަށް ބެލުމަށް ފަހު އެވެ. އެ އަމުރު ނެރެފައި ވަނީ ފަނޑިޔާރަށް ލިބިދީފައިވާ ބާރުގެ ބޭރުން ކަމަށް އާފިޔާ ބުނި ނަމަވެސް އެކަން ސާބިތުކޮށް ދިނުމަށް އެއްވެސް ހުއްޖަތެއް ނުދެއްކުނު ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ހައި ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންފައިވާ ހުކުމުގައި ބުނީ އާފިޔާގެ ވަކީލް، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެެނަރަލް ހުސައިން ޝަމީމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާގެ ފަރާތުން ވަކާލާތު ކުރުމުގެ ފުރުސަތު ނެތް ކަމަށް އިސްތިއުނާފް މަޖިލީހުގައި ބުނި ކަމަށެވެ. ނަމަވެސް، ޝަމީމް ނޫން ވަކީލަކު އާފިޔާގެ ފަރާތުން ދަށު ކޯޓުގައި ވަކާލާތުކޮށްފައިވާތީ، ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު އޭނާ އަށް ގެއްލިފައިނުވާ ކަމަށް ވެސް އެ ހުކުމުގައި ނިންމާފައިވެ އެވެ. އާފިޔާ ބަންދުގައި ބަހައްޓަން ހައި ކޯޓުން ތާއީދުކޮށްފައި ވާއިރު، އޭނާގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވެ އެވެ. އެއީ ކުޑަކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި އާފިޔާގެ އިތުރުން، އިބްތިހާލަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ދޮންކާފަ އިސްމާއިލް ރައޫފް އަދި އިބްތިހާލްގެ އަވަށްޓެރިއެއްގެ މައްޗަށް ވެސް ދައުވާކޮށް ދިނުމަށް ފުލުހުން ޕީޖީ އޮފީހުގައި އެދުނެވެ. އެކަމަކު، އެ މައްސަލަތަކާ ގުޅޭ ގޮތުން އެ އޮފީހުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ކަމާ ގުޅޭ މުއައްސަސާތަކުން ބުނެފައިވާ ގޮތުގައި ތިން އަހަރުގެ އިބްތިހާލް މަރުވީ ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އެތައް އަނިޔާތަކެއް ލިބެމުން ދިއުމަށް ފަހު އެވެ. އެ ކަމުގައި މުއައްސަސާތަކުގެ އިހުމާލު އޮތްތޯ ބެލުމަށް ފުލުހުން ވަކި ތަހުގީގެއް ހިންގަމުން ދާއިރު، އިބްތިހާލް މަރުވީ އޭނާ އަށް އަނިޔާކުރާކަން އެނގި ތިބެ، މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި އަޅާނުލުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ