ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ވެރިކަން ލިބިވަޑައިގެންފިނަމަ ދިވެހި މުޖްތަމައުއަކީ ކުށް ކުރުން ނެތް މުޖްތަމައުއަކަށް ފަސް އަހަރުގެ ތެރޭގައި ހަދާނެ ކަމަށް ޖުމްހޫރީ ގުޅުމުން ބުނެފި އެވެ.
ޖުމްހޫރީ ގުޅުމުގެ ބައެއް ސިޔާސަތުތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ކުރީގެ ނާއިބް ލީޑަރު އުމަރު ނަސީރު ވިދާޅުވީ މުޖުތަމައުގެ އަމާންކަން ގެއްލި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި ޖުމްހޫރީ ގުޅުމުގެ ވެރިކަމެއް އަތުވެއްޖެ ނަމަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ މަގެއްގައި އަމާންކަން ގާއިމު ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށެވެ.
"ކޮންމެ ބެލެނިވެރިއަކަށްވެސް އެބޭފުޅެއްގެ ތުއްޕުޅު ފަރިފުޅު އަމިއްލަށް ޓިއުޝަނަށް ގޮސް ޓިއުޝަނުން ގެއަށް އާދެވޭ މިންވަރަށް އަޅުގަނޑުމެން މަގުމަތީގެ ސަލާމަތްތެރިކަން ޔަގީން ކޮށްދޭނަން އިނގޭތޯ؟" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ގާނޫނުގެ ވެރިކަމެއް ހިންގުމަކީ ޖުމްހޫރީ ގުޅުމުގެ އެންމެ ބޮޑު އަމާޒު ކަމަށާއި ގާނޫނުގެ ފުރިހަމަ ހުކޫމަތު ހިނގާ ގައުމަށް ރާއްޖެ ހައްދަވާނެ ކަމަށެވެ. އަދި އެންޓި ޑްރަގް އެޖެންސީއެއް އުފައްދައި ފަސް އަހަރުން މުޖްތަމައު އަމާން ކުރަން ފިޔަވަޅު އަޅައި އެ މުއްދަތުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ނިމިގެންދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދިއުމަކީ މުޅި މުޖްތަމައުގެ ކަންބޮޑުވުން އޮތް ކަމެއްކަމަށާއި
އެފަދަ ބޮޑެތި ޖަރީމާތަކެއް ހިންގި އިރު ވެސް ސަރުކާރުތަކަށް އެޅުނު ފިޔަވަޅެއް ނެތް ކަމަށާ އެކަމާއި ގުޅިގެން ކުރެވުނު ކަމެއްވެސް ނެތް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ރާއްޖޭގެ ހަތަރު ސަހަރަހައްދެއްގައި ޖަލުތަކެއް ހަދާ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް ފަރުވާ ދިނުމަށް ޚާއްސަ ޕްރަގްރާމްތަކެއް ކުރިއަށް ގެންގޮސް އެ ކުދިން މުޖްތައުއަށް ނެރޭނަން،" އުމަރު ވިދާޅުވި އެވެ.
ފަސް އަހަރުތެރޭ މަގުތައް އަމާންކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ