އިލެކްޝަނާއި ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަނުގެ އައިޓީ ނިޒާމް ހިނގަމުންދާ މޮނިޓާ ކުރުމަށް އެކޮމިޝަނުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ޤާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ އިސްތިއުނާފް ކޮމިޓީގެ މެންބަރު އަހްމަދު ޒަނީން އާދަމްއެވެ. އޭނާ އަމިއްލަ ހައިސިއްޔަތުން ސުޕްރީމް ކޯޓާއި ދެކޮޅަށް މައްސަލަ ހުށަހަޅުއްވާފައި މިވަނީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އިލެކްޝަނާއި ދެކޮޅަށް ކޯޓުގައި ދައުވާކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއާ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު މީޑިއާގައި ވިދާޅުވެފައިވަނިކޮށެވެ.
ޒަނީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިގެންފައިވާއިރު، އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އިންތިހާބާއި ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ ސުވާލު އުފެދޭ ގޮތަކަށް ކަމަށާއި އެހެންކަމުން އެކޮމިޝަނުގެ އައިޓީ ނިޒާމް މަސައްކަތް ކުރަނީ ރަގަޅަށްތޯ ޔަގީންކުރުމަށްޓަކައި މިނިވަން ފަރާތެއް މެދުވެރިކޮށް އިލެކްޝަންސްގެ އައިޓީ ނިޒާމް މޮނީޓާކުރަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދޭ ކަމަށެވެ.
ޒަނީން ހުށަހެޅުއްވި މައްސަލައިގައި ވޯޓްލާ މީހުންގައި ލިސްޓްގައި ކެންޑިޑޭޓުން ސޮއިކުރައްވަން ޖެހިވަޑައިގަންނަވާތީ ކޮންމެ ކެންޑިޑޭޓަކަށް އެލިސްޓް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކޮމިޝަނުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައިވާއިރު، ސަލާމަތީ ފަރާތްތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށްވެސް ވަނީ އެދިފައެވެ. ސަލާމަތީ ފަރާތްތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައިވަނީ އިންތިހާބަށް ނުފޫޒު ފޯރުވުން ހުއްޓުވާ އެކަން ޔަގީންކުރުމަކީ ގާނޫނު އަސާސީގެ ދަށުން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުން ކުރަންޖެހޭ ކަމަކަށްވާތީ ކަމަށް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ