ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްލަ 480 ވޯޓްފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ވީނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާމް ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު ހަމަވުމާއެކު ވޯޓްފޮށި ބަހައްޓާ ތަންތަނާއި ވޯޓްފޮށީގެ އަދަދަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެގޮތުން މާލެއާ އަތޮޅުތަކާއި ރިސޯޓްތަކާއި އަދި ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގައި 480 ވޯޓް ފޮށި ބަހައްޓަންޖެހޭ ކަމަށް މިހާރު ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"ނަމަވެސް މި އަދަދަށް ވެސް އަދި ބަދަލު އައިސްފާނެ. ބަދަލެއް އަޔަސް އަންނާނީ އެއް ފޮށި ނޫނީ ދެ ފޮށީގެ ކުޑަ ބަދަލެއް. ފަހަރެއްގައި އެއްފޮށި މަދުވެ ގިނަ ވެސް ވެދާނެ. އެ ނޫން މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވޭ. ވޯޓް ފޮށީގެ އަދަދަށް އަންނަ ބަދަލު ރަސްމީކޮށް ސާފުވެގެންދާނީ މިމަހުގެ 13 ވަނަ ދުވަހު ވޯޓާސް ރަޖިސްޓްރީގެ މައްސަލަތައް މުޅިން ހައްލުކޮށް ނިންމާލުމުން،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގައި ހަ ވޯޓްފޮށި ބެހެއްޓޭނެ ކަމަށް ބެލެވުނު ނަމަވެސް މިހާރު އެ އަދަދު ފަހަކަށް ދަށްވެފައިވާ ކަމަށެވެ. އެގޮތް ދިމާވީ އިންޑިއާގެ ނިއުދިއްލީ އާއި ޓްރިވެންޑްރަމްގައި ބަހައްޓަން ކަނޑައެޅި ވޯޓްފޮށީގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދަށް ދިއްލީގައި ވޯޓްލާން މީހުން ރަޖިސްޓްރީވެފައި ނުވާތީ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.
ނިއުދިއްލީ އާއި ޓްރިވެންޑްރަމްގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، މެލޭޝިޔާގެ ކުއާލަލަންޕޫރާއި، ސިންގަޕޫރާއި، ސްރީލަންކާގެ ކޮލަމްބޯގައި ވެސް ވޯޓްފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ބޭރުގެ ގައުމެއްގައި ވޯޓްފޮއްޓެއް ބެހެއްޓެނީ އެ ވޯޓްފޮށި ބަހައްޓާ ސިޓީއެއްގައި ވޯޓްލުމަށް 100 ދިވެހިން ރަޖިސްޓްރީވުމުންނެވެ.
ފުއާދު ވިދާޅުވީ ނިއުދިއްލީއަށް ވޯޓްލެވޭނެ ކަމުގެ އުއްމީދުގައި ބައެއް މީހުން ރަޖިސްޓްރީވެފައިވާ ކަމަށާއި ނަމަވެސް އެތަނުގައި ވޯޓްލުމަށް 100 މީހުން ރަޖިސްޓްރީވެފައި ނުވާތީ އެމީހުންނަށް ދިއްލީގައި ވޯޓް ލެވޭނެ ގޮތެއް ނެތް ކަމަށެވެ.
"އެހެންކަމުން ދިއްލީގައި ވޯޓްލުމަށް ރަޖިސްޓްރީވި މީހުންނަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާ އެމީހުން ވޯޓްލުމަށް ބޭނުންވާ އެހެން ސަރަހައްދު ތަކުގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓާއި ގުޅިގެން ކުރަމުން އެބަ ގެންދަން،" ފުއާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީވި މީހުންގެ ޖުމްލަ އަދަދު މުޅިން ސާފުވާނީ މިމަހުގެ 13 ވަނަ ދުވަހުގެ ފަހުން ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓްލާފައިވާ މީހުން ދެނެގަތުމަށްޓަކައި އިނގިލީގައި ކުލައިން ޖަހާ ފާހަގަ ޖެހުމަށް ބޭނުންވާ ކުލަވެސް ކަނޑައެޅިފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.
"މިހާރު ފާހަގަ ޖަހަން ބޭނުންކުރާނެ ކުލަތައް ބަލައި އެތަނުން ކުލައެއް މިވަނީ ކަނޑައެޅި ނިމިފައި. ކުރިއަށްވުރެ ކޮލިޓީވެފަ ވަރުގަދަވާނެ އެކުލަ،"
ފުއާދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ތާރީހު ތަކާއި އެއްގޮތަށް ހުރިހާ ކަމެއްވެސް އިންތިޒާމުވެ ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، ރިޔާސީ އިންތިހާބުގައި ކޮމިޝަނުގެ ހުރިހާ ޒިންމާއެއް ތާރީހު ތަކާއި އެއްގޮތަށް ފުރިހަމައަށް އަދާކުރެވޭނެ ކަމުގެ ޔަގާންކަން އެބައޮތް ކަމަށެވެ.
ރިޔާސީ އިންތިހާބުގައި 480 ވޯޓު ފޮށި ބަހައްޓާނެ: ފުއާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ