ވޯޓު ގަންނަން މަސައްކަތް ކުރުމަކީ މޮޔަ ހިޔާލެއް: ގާސިމް

ފައިސާ ދީގެން ވޯޓު ގަންނަން މަސައްކަތް ކުރުމަކީ މޮޔަ ހިޔާލެއް ކަމަށާއި ރައްޔިތުން މިހާރު ފައިސާ އަށް ދީލައިނުލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ތ. ވޭމަންޑޫގައި އެ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ފައިސާކޮޅެއް ދީގެން ވަކި މީހަކު ބުނާ ގޮތަށް ވޯޓް ދިނުމަކީ ގައުމާއި ދީން ވިއްކާލުން ކަމަށެވެ. އޭނާ އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުން، ގާސިމް ވަނީ ފައިސާ ދީގެން ވަކި ގޮތަކަށް ވޯޓް ދިނުމަށް މަސައްކަތް ކުރާ ފަރާތްތަކާ މެދު ސަމާލުވުމަށް ގޮވާލައްވައިފަ އެވެ. ފައިސާދީގެން އައިޑީ ކާޑު އަތުލަން މަސައްކަތް ކުރާ މީހުންނަކީ ރައްޔިތުންނަށް ލިބިފައިވާ ހައްގުން އެ މީހުން މަހުރޫމުކުރާ ބައެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަތަށް ކުޑަ ލާރިކޮޅެއް ދީފައި، އެއީ 1،000ރ. ނޫނީ 2،000ރ. ވިޔަސް އަޅުގަނޑުމެން ބޭނުންވާނެތަ އަޅުގަނޑުމެންގެ ދީނާއި ގައުމު ވިއްކާލަން؟ އަޅުގަނޑުމެން ތާއަބަދު ބޭނުންވާނެތަ އަޅުވެތިކަމުގައި ތިބެން؟ އަޅުގަނޑުމެންގެ ކުރިއެރުމާއި ތަރައްގީ ފުނޑުފުނޑު ކޮށްލަން ބޭނުންވާނެތަ؟ އަޅުގަނޑުމެންގެ ގައުމިއްޔަތު ވިއްކާލުމުގެ ހައްގު އެއްވެސް ރައްޔިތަކަށް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ. ގާސިމާ އެކު "ތަރައްގީ ގައިމު" ކަމަށް ބުނެ ބައިވެރިން އަޑުއުފުލަމުން ދިޔަ ޖަލްސާގައި ގާސިމް ވަނީ އޭނާ އަށް ކުރެވޭ އެކި ތުހުމަތުތަކަށް ރައްދުދެއްވައި ވާހަކަ ދައްކަވައިފަ އެވެ. ގާސިމް ވިދާޅުވީ އޭނާގެ ވިޔަފާރިތައް ކުރިއެރުވުމަށް މައުމޫންގެ ޅިޔަނު އަދި ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހިމް އޭނާ އަށް އެއްވެސް ފައިސާއެއް ދެއްވާފައި ނޯންނާނެ ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން ނާޖާއިޒު ގޮތުގައި އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "އިލްޔާސް އިބްރާހިމަކީ އަޅުގަނޑު ވަރަށް އިހުތިރާމް ކުރާ ބޭފުޅެއް. އެކަމަކު އެ ބޭފުޅާ އަޅުގަނޑުގެ ވިޔަފާރި އަށް ލޯލާރިއެއް ވެސް ދީފައެއް ނޯންނާނެ. އަޅުގަނޑުގެ އަމިއްލަ މަސައްކަތުން މި ވިޔަފާރި ކުރިއެރުވީ. އެހެނެއް ނޫން ސަރުކާރުގެ ތެރެއިން އެހެން ބޭފުޅުންނަށް ވެސް ލިބޭ ހުއްދަތައް އަޅުގަނޑަށް ވެސް ލިބޭ،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރިތަކަށް ހުރަސްއަޅާ އިސްތަށިފުޅުގައި ދޮގު އިލްޒާމްތަކެއް ބަޔަކު އަޅުވަމުން ގެންދަނީ ވިޔަފާރި އާއި އެހެން ދާއިރާތަކުގައި ވެސް އޭނާ އެހެން ފަރާތްތަކަށް ވުރެ ކުރިއަރާތީ އެކަމާ ހަސަދަވެރިވެގެންނެވެ. އަދި ވިޔަފާރީގައި ކުރިއަރަމުން ދިޔަ ދުވަސްވަރު ވެސް އޭނާގެ ވިޔަފާރިތައް ހުއްޓުވާލަން ބަޔަކު މަސައްކަތް ކުރި ކަމަށް ވެސް ގާސިމް ތުހުމަތު ކުރެއްވި އެވެ. "ރޯޑް ބްލޮކްތައް ބަހައްޓާ އަޅުގަނޑު ދާން އޮތް މަގު ބަޔަކު ބަންދުކޮށްލަން އުޅުނު. އެކަމަކު އަޅުގަނޑާ އެކު އުޅުނު އެތައް މީހުންނަކަށް ވުރެ އަޅުގަނޑު ކުރިއަށް ދިޔައީ،" ގާސިމް ވިދާޅުވި އެވެ. "ކުޑައިރުގައި ވެސް އެއް އަންހެނަކާ ހިތާވެގެން ދެ މީހަކު އުޅެންޏާ މިވެނި މީހެއްގެ ގޯސް ވާހަކަ އަންހެން ކުއްޖާގެ ބައްޕަ ކައިރީ ދެއްކުން ކަހަލަ ކަންތައްތައް ހިނގާނެ. މިއީ އެހެން ދާކަމެއް." ވޭމަންޑޫގެ ގިނަ އަދަދެއްގެ ބަޔަކު ޖުމްހޫރީ ޕާޓީ އަށް ސޮއިކުރި އެ ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާ އުޅެނީ ވަކި މީހަކާ އަޅައިގަނެގެން ނައްޓާލަން ނޭނގިގެން ނޫން ކަމަށެވެ. އޭނާ މަސައްކަތް ކުރައްވަނީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެދާނެ އުނދަގޫ ދުވަސްތަކުން ގައުމު ސަލާމަތް ކުރައްވަން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "ﷲގެ ރަހުމަތްފުޅުން އަޅުގަނޑަށް މިހާރު ވެސް ލިބިފައި ހުރި ނިއުމަތްތައް މަދެއް ނޫން. އަޅުގަނޑު ކީއްކުރަންތޯ މިކަމާ އުޅެންވީ. އަޅުގަނޑު މިއުޅެނީ އަޅުގަނޑުމެންގެ ދަރިންނަށް ދަސްވަމުން މިދާ ނުބައި ކަންކަމާއި ގައުމު ވެއްޓެމުން މިދާ އަނދަވަޅުން ސަލާމަތް ކުރަން. އެ ނޫން ކަމެއް ވެގެނެއް ނޫން އަޅުގަނޑު މި އުޅެނީ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ