ގުރުއަތަކާ ނުލައި ފޭދޫން 16 މީހަކަށް ހައުސިން ޔުނިޓް ލިބެނީ

ސ. ފޭދޫގައި އިމާރާތްކޮށްފައިވާ 25 ހައުސިން ޔުނިޓަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކަށް 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ގުރުއަތަށް ނުގޮސް ޔުނިޓްތައް ލިބޭ ގޮތަށް ހަމަޖެހިއްޖެ އެވެ. މޭޔަރު އަބްދުﷲ ސޯދިގު ބުރާސްފަތި ދުވަހު ވިދާޅުވީ ހައުސިން ޔުނިޓްތަކަށް 339 ފަރާތަކުން ކުރިމަތިލާފައިވާ އިރު، 75 ޕޮއިންޓަށް ވުރެ މަތިން ލިބިފައިވަނީ ޖުމްލަ 16 ފަރާތަކަށް ކަމަށެވެ. އެހެންވެ އެ މީހުން ގުރުއަތަށް ނުގޮސް ހައުސިން ޔުނިޓަށް ހޮވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބާކީ ހުރި ނުވަ ހައުސިން ޔުނިޓަށް 65 ޕޮއިންޓަށް ވުރެ މަތިން ލިބިގެން ގުރުއަތަށް ގޮސްފައިވަނީ 79 ފަރާތެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. "އެ ސޯޅަ ފަރާތް މި ވަނީ ގުރުއަތަކަށް ނުގޮސް ހައުސިން ޔުނިޓަށް ހޮވިފައި. އެކަމަކު އެ މީހުންގެ މެދުގައި ގުރެއްލާނެ ކޮން ދިމާލެއްގައި ހުރި ހައުސިން ޔުނިޓަކުންތޯ އެ މީހުންނަށް ޔުނިޓް ލިބެނީ ކަނޑައަޅަން،" ފޭދޫގެ ދެ ސަރަހައްދެއްގައި ދެ ބުރިއަށް އިމާރާތްކޮށްފައިވާ ޔުނިޓްތަކާ ބެހޭ ގޮތުން މޭޔަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގުރުއަތަށް ދާ މީހުންގެ މެދުގައި މި މަހުގެ ފަހު ހަފުތާ ނުވަތަ އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ގުރުއަތުލާނެ ކަމަށެވެ. "މިކަމާ ގުޅޭ ގޮތުން ޝަކުވާއެއް އޮތް ނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލެވިފައި،" މޭޔަރު ވިދާޅުވި އެވެ. ފޭދޫގައި ހަދާފައިވާ ހައުސިން ޔުނިޓްތަކަށް ޕޮއިންޓް ދީފައިވާ އުސޫލާ ދޭތެރޭ ހިތްހަމަނުޖެހިގެން ބައެއް ފަރާތްތަކުން ޝަކުވާކުރުމުން މީގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ގުރުލުން ފަސްކޮށްފަ އެވެ. އަދި ބައެއް މީހުން ވަނީ އިވެލުއޭޝަނާ ދޭތެރޭ ހިތްހަމަނުޖެހިގެން ޖެނުއަރީ މަހުގެ ތެރޭގައި އޭސީސީ އަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ