ހައި ކޯޓުން ބޭރުކޮށްލި މައްސަލަ އިސްތިއުނާފް ނުކޮށް ސިވިލް ކޯޓަށް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިން ހުޅުމާލެ ކޯޓުގެ ބެންޗް އެކުލަވާލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ހައި ކޯޓަށް ހުށަހެޅި މައްސަ ބެލެން ނެތް ކަމަށް އެ ކޯޓުން ކަނޑައެޅުމުން، އެ މައްސަލަ އިސްތިއުނާފްކުރުމުގެ ބަދަލުގައި މުޅިން އާ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު އަބްދުﷲ އަފީފް މިއަދު ވިދާޅުވީ ހައި ކޯޓުން އެ މައްސަލަ ނުބެލޭ ނަމަ އެ މައްސަލަ ބެލޭނެ ކޯޓެއް އޮންނަންވާނެ ކަމަށެވެ. "އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެ ނިންމުމަކީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ނިންމޭނެ ނިންމުމެއް ނޫން. އެހެންވީމާ އެ މައްސަލަ ބެލޭނެ ތަނެއް އޮންނަން ވާނެ،" އަފީފް ވިދާޅުވި އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރުމާ ގުޅިގެން ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރިއަށްގެންދާ މައްސަލަ ބަލާ ބެންޗާ މެދު، އެ މަނިކުފާނުގެ ފަރާތުން ސުވާލު އުފެއްދީ އެ ބެންޗު ކަނޑައެޅީ ޖޭއެސްސީން ކަމަށް ވާތީ އެވެ. އެހެން ނަމަވެސް، ޖޭއެސްސީން ހައި ކޯޓުގައި ބުނެފައިވަނީ އެ ގޮތަށް ބެންޗު ކަނޑައެޅީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށެވެ. ސުޕްރީމް ކޯޓުން ދިން ލަފައަކާ ގުޅިގެން ކޮށްފައިވާ ކަމެއްގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެ ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޝަރީއަތުގައި އިއްވި ހުކުމުގައި ބުނެފައި ވަނީ ހުޅުމާލޭ ކޯޓުގެ މައްސަލަ ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހަޅުއްވާފައި ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިޔުލާއެއް ކަމަށްވާ "ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" ދަށުން ކަމަށެވެ. ނަމަވެސް އެ ގަވާއިދުގެ ދަށުން އެ މައްސަލަ ހައި ކޯޓުގައި އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެ އެވެ. ވަކީލް އަހުމަދު ވިދާޅުވީ އެއީ ހައި ކޯޓުން ބެލޭނެ މައްސަލައެއް ކަމަށް އަދިވެސް ގަބޫލުކުރާ ކަމަށެވެ. ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ "ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު"ގެ ދަށުން މައްސަލަ ހުށަހެޅި ސަބަބުތައް ހައި ކޯޓުގެ ފުރަތަމަ އަޑުއެހުމުގައި ޝަރީއަތަށް ހުށަހަޅަން ފެށުމުން އެއީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ވާތީ އެ ސަބަބުތައް މުހިންމު ނޫން ކަމަށް ފަނޑިޔާރުންގެ ބެންޗުން އޭރު ބުނި ކަމަށެވެ. އެހެން ކަމުން ހައި ކޯޓުން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ފައިސަލާކުރަނިވި ނިންމުމެއް ޝަރީއަތުގެ ކުރީކޮޅު ނިންމާފައިވަނިކޮށް ހުކުމް އައިސްފައި ވަނީ އެ ނިންމުމާ މުޅިން އިދިކޮޅަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަޝީދުގެ ފަރާތުން 2013 ވަނަ އަހަރުގެ އޭޕްރީލް މަހު ހުށްހެޅުއްވި މައްސަލައާ މެދު ހައި ކޯޓުން ގޮތެއް ކަނޑައަޅާފައި މި ވަނީ ދޮޅު އަހަރަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. މި މައްސަލައިގެ ޝަރީއަތްތައް މެއި 2013 ގައި މެދުކަނޑާލީ ހައި ކޯޓުގެ އޭރުގެ އިސް ގާޒީ އަދި ނަޝީދުގެ މައްސަލަ އޭރު ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހުމަދު ޝަރީފް ޗުއްޓީއަކަށް ވަޑައިގަތުމުންނެވެ. އޭނާ ޗުއްޓީގައި ހުންނަވަނިކޮށް، ޖޭއެސްސީން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށް، ފަހުން ޖުވެނައިލް ކޯޓަށް ބަދަލުކުރުމުން އެ މައްސަލަ މުޅިން އޮތީ ހުއްޓިފަ އެވެ. އެ މައްސަލަ އަލުން ބަލަން ފެށީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ