ހުކުމް އިއްވާނެ ވަގުތެއް މިހާރަކު ނެތް، 2018 ގައި ޝަރީއަތާ ކުރިމަތިލާން ތައްޔާރު: ނަޝީދު
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދިޔަ ނަމަވެސް އެ މައްސަލާގައި ހުކުމް އިއްވާނެ ވަގުތެއް މިހާރަކު ނެތް ކަމަށާއި ވެރިކަމުގެ ފަސް އަހަރުގެ ދައުރަކަށް ފަހު 2018 ގައި ޝަރީއަތާ ކުރިމަތިލާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުންނެވެ. ށ. ނަރުދޫ ކައުންސިލްގެ ޕީޕީއެމް މެމްބަރު ހުސެއިން ސިރާޖު އެމްޑީޕީ އަށް ސޮއިކުރުމަށް އެ ޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނަޝީދުގެ ޝަރީއަތާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި ކަމުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ކުރައްވާތީ އެކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ. އެ މައްސަލަ އަށް އިޝާރާތްކުރައްވައި ވިދާޅުވީ "އެ ބާވަތުގެ ކަމެއް" ކޮށްފައިވާ މީހެއްގެ ގޮތުގައި "ފާހަގަވެގެން ހުންނަން ނޭދެން" ކަމަށެވެ. އެކަމަކު، އޭގެ ކުރިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހައްޔަރުކޮށްފައި، ރިޔާސީ އިންތިހާބެއް ބޭއްވުމަކީ "ބަތްކައްކާ ކުޅުން ފަދަ ކަމެއް" ކަމަށް ވިދާޅުވި އެވެ. "އިންސާފު ރާއްޖޭގެ ރައްޔިތުންނަށް ލިބެން ޖެހޭނެ، އެހެންވީމާ 2018 ގައި އިރާދަކުރެއްވިއްޔާ އެ އިންސާފަށް ނުކުމެ ހުންނާނަން،" ނަޝީދު ވިދާޅުވި އެވެ. ޝަރީއަތް ފަސްކޮށްދެއްވަން ހައި ކޯޓުގައި އެދިވަޑައިގެންނެވި ގޮތަށް، އެ ޝަރީއަތް މަޑުޖައްސާފައި ބާއްވައިދިނުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒަށް ނަޝީދު މިއަދު ވަނީ އިލްތިމާސްކުރައްވައިފަ އެވެ. އެ ބާވަތުގެ ގައުމީ މަސްލަހަތު ހުރި ކަންކަމާ ގުޅޭގޮތުން މީގެ ކުރިން ވެސް އުއްތަމަފަނޑިޔާރު ބަސްފުޅު ވިދާޅުވެފައިވާ ކަމަށާއި އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގުޅޭގޮތުން ވެސް އެގޮތަށް އަމަލުކޮށްދެއްވަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ހައި ކޯޓުން އިއްޔެ ނިންމާފައިވާ ނިންމުންތައް ވަކީލުންގެ ޓީމުން އިސްތިއުނާފް ކުރައްވާނެ ކަމަށެވެ. ހުޅުމާލޭ ކޯޓުން އެ މައްސަލަ ފެށުމާއެކު، އިޖުރާއީ އިތުރު ނުކުތާތައް ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "ހުޅުމާލޭ ކޯޓުގައި ވެސް މި ބޭއްވެން އުޅެނީ ބޮޑު ބަޣާވާތަކާ ގުޅޭ ޝަރީއަތެއް، އެ ޝަރީއަތުގައި އަޅުގަނޑު ދެކޭގޮތުގައި މަދުވެގެން ތިރީހަކަށް އަޑުއެހުން ލިބެން ޖެހޭނެ. އެންމެ މަދުވެގެން ތިރީހަކަށް އަޑުއެހުން ލިބެން ޖެހޭނެ، ކޮންމެ ދެ އަޑުއެހުމެއްގެ ދޭތެރޭގައި ލޯޔަރުންނަށް މަދުވެގެން 15 ވަރަކަށް ދުވަސް ޖާގަ އޮންނަން ޖެހޭނެ. އެހެން ނޫނިއްޔާ، އިންސާފުވެރި ގޮތަކަށް، ކުރަން މިއުޅޭ ކަންތަކެއް އަޅުގަނޑުމެންނަށް ނުބެލޭނެ. ހަމަ ދިނަސް ނުދިނަސް ކަނޑާކަނޑާ ބަންގަޅީސް، އެ އުސޫލުން އަޅުގަނޑަށް ހީވަނީ ޝަރީއަތެއް ނުގެންދެވޭނެހެން،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިހާބު ނިންމޭއިރު ވެސް އެމަނިކުފާނުގެ ޝަރީއަތެއް ނިންމޭކަށް ނޯންނާނެ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބުކުރައްވާއިރު ވެސް ޝަރީއަތް ހިނގާނެ ކަމަށާއި އެކަމާ ދޭތެރޭ ގޮތެއް ނިންމާނީ ގާނޫނުގައި ބުނާ ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ. "ގާނޫނު ބަޔާންކުރަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނޫނިއްޔާ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ހުރި މީހެއްގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ ކަމަށް. ރައްޔިތުންގެ މަޖިލީހަށް އެކަން ނިމިގެންދާނެ ކަމަކަށް އަޅުގަނޑަކަށް ނުބެލެވޭ،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ޝަރީއަތް އަވަހަށް ނިންމައިދޭން ހުޅުމާލޭ ކޯޓުގައި އެދިވަޑައިގެންފައިވީ ނަމަވެސް އެކަން އެގޮތަށް ކޮށްދީފައި ނުވާ ކަމަށެވެ. އޭގެ ފަހުން ޝަރީއަތާ ގުޅޭގޮތުން އެކި ވާހަކަތައް ދައްކަވައި ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތުކުރެއްވި އެވެ. "މިހާރު އެ ޝަރީއަތާ ގުޅޭގޮތުން ބަހެއް ނުބުނާ ހަމަ އެކަކު ވެސް ނެތް، ވަޒީރުންނާއި އަމީރުންނާއި ކަތީބުންނާއި މުދިމުންނާއި ގާޒިންނާއި ދެން ދަންނަވާނެ ވާހަކައެއް ނެތް މިކަމުގައި. އެހެންވީމަ ދެނެއް އަޅުގަނޑެއް ނުދެކެން އިންސާފުވެރި ޝަރީއަތެއް މިކަމުގައި ލިބިދާނެ ކަމަކަށް. އަޅުގަނޑަށް ހީވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޖުޑިޝަލް ސާވިސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލް އުއްތަމަ ފަނޑިޔާރު އަދި ބައިނަލްއަގުވާމީ މުޖުތަމައު ވެސް ގަބޫލުކުރާނެ އިންސާފުވެރި ޝަރީއަތެއް އަޅުގަނޑުމެންނަށް ލިބެން ނެތް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ