އަހުމަދު މޫސާ ޕީޕީއެމަށް

ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ ޕީޕީއެމާއި ގުޅިވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އަހުމަދު މޫސާ ވިދާޅުވީ ޕީޕީއެމައި ގުޅިވަޑައިގެންނެވުމަށް އޭނާ ނިންމެވީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި މަސައްކަތްތައް ކުރާ ޕާޓީއަކީ ޕީޕީއެމު ކަމަށްވާތީ ކަމަށެވެ.
"އެއީ ހަމަ އެކަން އޮތް ގޮތް. އަޅުގަނޑު ގަބޫލު ކުރަން ޕީޕީއެމަށް އަޅުގަނޑު ސޮއި ކުރަން ޖެހިއްޖެ ކަމަށް." އަހުމަދު މޫސާ ވިދާޅުވިއެވެ. ނަމަވެސް ސޮއި ކުރައްވާނެ ވަކި ތާރީހެއް އޭނާ ވިދާޅެއް ނުވެއެވެ.
އަހުމަދު މޫސާ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. އޭނާ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރު ކުރަން ޖުމްހޫރީ ޕާޓީން ވޯޓުދީފައިވާތީ ހިތްހަމަޖެހިވަޑައިނުގަންނަވައިގެންނެވެ. ނަމަވެސް ރަސްމީކޮށް ޖޭޕީން ވަކިވިކަން އަދި މަޖިލީހަށް އަންގާފައެއް ނުވެއެވެ.
އަހުމަދު މޫސާ ޕީޕީއެމަށް ގުޅިވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައިވާ އިރު، ރައީސް މައުމޫނުވަނީ ވަރަށް އަވަހަށް މެމްބަރުންތަކެއް ޕީޕީއެމަށް ސޮއި ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ