ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެނުދިން އެއް މައްސަލަ ހައި ކޯޓުން ގާސިމް ކޮޅަށް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މާނެންފުށި ކުންފުންޏަށް ދޫކޮށްފައިވާ، މާނެންފުށީގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރި ކުރުމަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. މާނެންފުށީގެ އެއްބަސްވުން ބާތިލްކޮށް، މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ފޮނުވި ނޯޓިހަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން މާނެންފުށި ކުންފުނިން އެދުނު ނަމަވެސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ މައްސަލަ މާނެންފުށިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ ސިވިލް ކޯޓުގެ އެ ނިންމުން ބާތިލްކޮށް، އެފަދަ އަމުރެއް ނެރެދޭން އަލުން އެ ކުންފުނިން ހުށަހަޅައިފި ނަމަ، އެއާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ. މާފެންފުއްޓާ އެކު ގާސިމްގެ މަސްލަހަތު އޮންނަ ބައެއް އެހެން ކުންފުނިތަކަށް ސަރުކާރުން ދިން ބައެއް ރަށްރަށާއި ފަޅުތަކުގެ އެއްބަސްވުން އުވާލާ، ޖޫރިމަނާގެ ގޮތުގައި 90 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ދައްކަން ވަނީ އަންގައިފަ އެވެ. އަދި މީރާ އިން ދިން މުއްދަތުގައި އެ ފައިސާ ނުދެއްކުމުން ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކުރި އެވެ. ހައި ކޯޓުން މިއަދު ނިންމީ މާނެންފުށިން އެދުނު ގޮތަށް ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމީ ރަނގަޅަށް ނޫން ކަމަށެވެ. ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ހުރިހާ މައްސަލައެއް ވިލާގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ