އައްޑޫގައި ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރަން ފެނަކަ އިން އެދިއްޖެ

ފަހަކަށް އައިސް އައްޑޫން ކަރަންޓް ކެނޑުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވަމުންދާތީ ކަރަންޓް ބޭނުންކުރާ މިންވަރު ވީހާ ވެސް މަދުކުރަން ފެނަކަ ކޯޕަރޭޝަނުން އެދިއްޖެ އެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދޭ އިންޖީނުތަކަށް ލޯޑް ބޮޑުވުމުގެ އިތުރަށް ތަފާތު އެކި މައްސަލަތައް ދިމާވެގެން ކަރަންޓް ކެނޑުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް މިއީ އާންމުންނަށް ވަރަށް ބޮޑަށް ދަތިވާ، އަދި ގެއްލުންތަކެއް ވެސް ލިބެމުންދާ ކަމެއްކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކަރަންޓް ކެނޑޭ މައްސަލަ ވަރަށް ބޮޑުވެފައިވެ އެވެ. ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން އައްޑޫގައި އިސްކޮށް ހުންނަވާ އަބްދުﷲ ޒުހައިރު (އަބްހަރީ) މިއަދު ވިދާޅުވީ ގުޅިފައިވާ ރަށްތަކުން ފަހަކަށް އައިސް ކަރަންޓް ކެނޑެނީ ލޯޑް މަތިވެގެން ކަމަށެވެ. "އެހެންވެ އަޅުގަނޑުމެންގެ އެދުމަކީ ކަރަންޓް ބޭނުންކުރާ މިންވަރު ވީހާ ވެސް ބޮޑަށް މަދުކުރާށޭ. ހާއްސަކޮށް މެންދުރު ގަޑީގައި. އެ ގަޑިއަކީ އާންމުކޮށް އެންމެ ބޮޑަށް ލޯޑް މަތިވާ ވަގުތު،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެދުމަކީ މި ހާލަތުގައި ކަރަންޓް ކެނޑޭ މައްސަލަ ކުޑަކުރަން ވީހާ ވެސް ބޮޑަށް އާންމުން ކަރަންޓް ބޭނުންކުރާ މިންވަރު މަދު ކުރުން. މިކޮޅުގެ ކެޕޭސިޓީ މި ވަގުތު ހުރި ވަރުން އެ ނޫން އިތުރު ގޮތެއް ނެތް." މަރުކަޒީ އިންޖީނުގެ އިން އައްޑޫގެ ގުޅިފައިވާ ފަސް ރަށަށް މިހާރު ކަރަންޓް ދެނީ ހަތް އިންޖީނުންނެވެ. އޭގެ ތެރޭގައި ދާދި ފަހުން ގެނައި 800 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ވެސް ހިމެނެ އެވެ. އެ ޖަނަރޭޓަރު އިންސްޓޯލްކޮށް މިހާރު ވަނީ ޓެސްޓް ވެސް ކުރަން ފަށައިފަ އެވެ. "އައްޑޫގައި ކަރަންޓް ބޭނުންކުރާ މިންވަރު މި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. ދާދި ފަހުން ވެސް 600 ކިލޯވޮޓް އިތުރުވެއްޖެ. އަޅުގަނޑުމެން ގަބޫލް ކުރަނީ އަލަށް ބެލެހެއްޓި އިންޖީނާ އެކު ވެސް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް އަންނާނެ ކަމަށް އަލަށް ބެހެއްޓި ޖަނަރޭޓަރު ޓެސްޓްތަކަށް ފަހު މިއަދު އެއްކޮށް ބޭނުންކުރަން ވެސް ފެށޭނެ،" ޒުހޭރު ވިދާޅުވި އެވެ. "އައްޑު އަށް ދާއިމީ ހައްލެއް ނުލިބޭނެ 2 މެގޮވޮޓްގެ ޖަނަރޭޓަރެއް ބެހެއްޓިގެން ނޫނީ." ދާދި ފަހުން ފެނަކަ އިން ވަނީ ކަރަންޓްގެ މައްސަލަތައް ދިމާވެފައިވާ ސަރަހައްދުތަކަށް ބޭނުންވާ 72 ޖަނަރޭޓަރު ހޯދަން ބީލަމަށް ވެސް ލައިފަ އެވެ. އޭގެ ތެރޭގައި ބޮޑު އާބާދީއެއް އޮތް އައްޑޫ ވެސް ހިމެނެ އެވެ. "އަލަށް ލިބޭ ޖަނަރޭޓަކީ 2.1 މެގަވޮޓްގެ ޖަނަރޭޓަރެއް ކަމަށް އަޅުގަނޑު އުންމީދު ކުރަނީ،" ޒުހައިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ