މޭޑޭގައި ފުލުހުން ވަނީ އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައި: ސީއެޗްއާރްއައި

މިސަރުކާރުގެ "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ބޮޑު އެއްވުމުގައި ފުލުހުން ރައްޔިތުންނަށް އަނިޔާކޮށްފައިވާ ކަމަށާ އެ މައްސަލަތައް ބެލުމަށް ކޮމަންވެލްތް ހިއުމަން ރައިޓްސް އިނިޝިއޭޓިވް (ސީއެޗްއާރްއައި) އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ ސީއެޗްއާރްއައި އިން ބުނީ އެދުވަހުގެ މުޒާހަރާގައި ދިވެހި ސަރުކާރާ ދެކޮޅަށް 20،000 ރައްޔިތުން ނިކުތް ކަމަށާއި އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ.
މުޒާހަރާގެ ތެރެއިން 200 މީހުން ހައްޔަރުކޮށް ބަޔާން ނަގާ 175 މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދު ކުރި ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.
ސީއެޗްއާރްއައި އިން ބުނީ ފުލުހުން ކުރާ ކޮންމެ ކަމެއް ކުރަންޖެހޭނީ ގާނޫނުގެ ތެރެއިން ކަމަށާއި އެކަންކަމަށް ފުލުހުން ފުރިހަމައަށް ޒިންމާދާރުކުރުވަން ޖެހޭނެ ކަމަށެވެ.
ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަމަށާއި އަދި މިނިވަން މުއައްސަސާތަކުން އެ މައްސަލަތައް ބަލަންޖެހޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ސީއެޗްއާރްއައި އިން ބުނީ އެއްވެ އުޅުމުގެ ހައްގު ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާއިރު އެއްވެއުޅޭ މީހުން ހިފައި ހައްޔަރުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާ ގިނަ ބައަކު އެއްވުމުގެ ތެރެއިން ހައްޔަރުކުރި މައްސަލައާއި ރައްޔިތުންނަށް ފުލުހުން ކުރި އަނިޔާގެ މައްސަލަތައް އިންސާނީ ހައްގުތަކުގެ ކަންކަން ބަލަމުންގެންދާ ބައިނަލްއަގްވާމީ ފަރާތްތަކުން ތަހުގީގުކުރުމަށްފަހު ފިޔަވަޅު އެޅުމަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
"މައްސަލަތައް ބަލާއިރު އެކަށީގެން ނުވާވަރަށް ބާރުގެ ބޭނުންކޮށްފައިވާނަމަ އެކަން ކުރި ފުލުހުންނަށް މަދަނީ އަދި ޖިނާއީ ދައުވާ އުފުލުވުންޖެހޭނެ،" ބަޔާނުގައިވެ އެވެ.
ސީއެޗްއާރްއައިގެ ބަޔާނުގައި ވަނީ ރައްޔިތުންނަށް ލިބިދޭންޖެހޭ އިންސާނީ ހައްގުތައް ގާނޫނު އަސާސީގެ އިމުގެ ތެރެއިން ފޯރުކޮށްދިނުމަށްވެސް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ