ރާއްޖޭގެ ކަރަންޓް ސަބްމެރިން ކޭބަލަކުން ގުޅާލާ ޕްރޮޖެކްޓެއް ފަށަނީ

ސަބްމެރިން ކޭބަލެއް މެދުވެރިކޮށް، މުޅި ރާއްޖެއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދިއުމަށް ތައްޔާރުވަމުންދާކަމަށް، ސްޓެލްކޯއިން ބުނެފިއެވެ.
މިދިއަ މަހުގެ 25 ވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގެ ހަވާސާގައި ވީނިއުސްއަށް މައުލޫމާތު ދެއްވަމުން، ސްޓެލްކޯގެ މެނޭނިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ، ސްޓެލްކޯއިން ވަރަށް ގިނަ ޕްރޮޖެކްޓްތައް ހޫލުވާލާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތަކަށް ސަބްމެރިން ކޭބަލް މެދުވެރިކޮށް ގުޅާލައިގެން ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ހުޅުވާލާފައިވާއިރު، އެ ޕްރޮޖްކެޓަށް ވަރަށްގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
މުގުނީ ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ފުރަތަމަ ސަބްމެރީން ކޭބަލް އަޅަނީ މާލެ ހިމެނޭ ސަރަހައްދުގައި ކަމަށާއި ފުރަތަމަ ސަބްމެރިން ކޭބަލް އަޅައި ކަރަންޓް ފޯރުކޮށްދޭނީ، ތިލަފުއްޓާއި ގުޅީފަޅާއި ހުޅުމާލެ އާއި މާލެ އާއި ވިލިމާލެއަށް ކަމަށެވެ. މީގެ އިތުރުން އަތޮޅުތަކުގައި ވެސް ވަކި ސެންޓްރަލް ލޮކޭޝަންތަކެއް ގާއިމްކޮށް ސަބްމެރިން ކޭބަލް މެދުވެރިކޮށް ކަރަންޓް ފޯރުކޮށް ދެވޭނެކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
"ރާއްޖޭގެ އެކިއެކި ރަށްރަށުގް ގުޅާލައޮ ސަބްމެރިން ކޭބަލް މެދުވެރިކޮށް ސެންޓްރަލައިޒް އެއް ލޮކޭޝަނަކުން އެހެން ރަށްރަށަށް ކަރަންޓް ދެވޭނެ ކަހަލަ ގޮތަކަށް އެ ކަހަލަ ނިޒާމެއް ޤާއިމް ކުރާނީ. މިކަން އަޅުގަނޑުމެން ކުރާނީ އެކިއެކި އަތޮޅުތަކުގަ ވަކިވަކިން އަޅގަނޑުމެން އޮޕްރޭޓްކުރާ އަތޮޅުތަކުގެ ރަށްރަށުގަ އެއް ސަބްމެރިން ކޭބަލްއަކުން ގުޅާލެވޭނެ ކަހަލަ ގޮތަކަށް ކުރިއަށްގެންދަން ގަސްދު ކުރަނީ،" މުގުނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިންވެސްޓްމަންޓް ފޯރަމްގައި ވެސް އެކަމާއި ގުޅޭގޮތުން އިންވެސްޓަރުންނަށް މައުލޫމާތުދީައިވާ ކަމަށާއި، އަދި އެކަމަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، ވޭސްޓް ހީޓް ރިކަވަރީ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، އެ ޕްރޮޖެކްޓުގެ ދަށުން ކަރަންޓް އުފައްދަމުންދާއިރު ބޭކާރުވެގެންދާ ހޫނާއި އާވި، ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ބޭނުން ކުރެވޭނެކަމަށް ވިދާޅުވި އެވެ.
"މިހާތަނަށް ބެލިބެލުމުން އެންމެ ރަނގަޅުގޮތަކަށް އެކަން ކުރެވޭނީ، އާވިން ނުވަތަ ހޫނުން، ފެން އުފައްދައިގެން. މިހާރުވެސް އަޅުގަނޑުމެން ކ.ގުޅީގައި އާވިން ފެން އުފެއްދުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އެބަ ކުރިއަށްގެންދަން." މުގުނީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ