އުނގޫފާރު ދާއިރާގެ މެންބަރު އަމީން އަރުވާލަން ހުކުމްކޮށްފި

ހިޔާނާތުގެ މައްސަލައެއް ސާބިތުވެ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން ހަތަރު އަހަރާއި ހަމަސް ދުވަހަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ އަމީން އުނގޫފާރު ރަށު އޮފީހުގެ ހިސާބު ބެލެހެއްޓެވި ދުވަސްވަރު 2004 އިން 2006 ވަނަ އަހަރުގެ ނިޔަލަށް އެ ރަށުގެ އިންޖީނުގެ އަށް ލިބުނު ފައިސާގެ ތެރެއިން 36،818 ރުފިޔާ އަށް އޭނާ ހިޔާނަތްތެރިވެފައިވާ ކަން ސާބިތުވާ ކަމަށެވެ.
ގާނޫނު އަސާސީގައިވާ ގޮތުން މިހުކުމާއިއެކު އޭނާގެ ގޮނޑި ގެއްލޭނެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ ދެވަަނަ ނަންބަރުގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވާނަމަ އެމީހެެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
އުނގޫފާރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބުކުރައްވާ މެންބަރު ކަމުގެ ހުވާ އަމީން ކުރެއްވީ 5 ޑިސެމްބަރު 2012 ގައެވެ. އަމީން އުނގޫފާރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވީ ކުރިން އެދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލުމާއި ގުޅިގެން އަފްރާޝީމްގެ އާއިލާގެ ބޭފުޅަކު އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމުން ބޭނުންވެ އެކަމަށް އަފްރާޝީމްގެ އާއިލާގައި އެދުމުންނެވެ.
އަލަށް އިންތިހާބުކުރި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމީން ވާދަކުރައްވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ