ކޯލިޝަން ހެދުމާ ބެހޭ ގޮތުން ގާސިމް މަޝަވަރާއެއް ނުކުރައްވާ: ތަރުޖަމާނު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިހާތަނަށް ސިޔާސީ އެއްވެސް ޕާޓީއަކާއި އަދި ސިޔާސީ އެއްވެސް ފަރާތަކާއި ކޯލިޝަން ހެދުމާއި ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ގާސިމް އިބްރާހިމްގެ ތަރުޖަމާނު އިބްރާހިމް ހަލީލު ވިދާޅުވެއްޖެއެވެ.
ސީއެންއެމް އިން ގާސިމް އިބްރާހިމް ގެ ތަރުޖަމާން އިބްރާހިމް ހަލީލުއަށް ގުޅާލުމުން ވިދާޅުވީ މިދިއަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓަށްފަހު އަދި މިހާތަނަށް އެއްވެސް ސިޔާސީ ފަރާތަކާއި ކޯލިޝަން ހެދުމާބެހޭ ގޮތުން ގާސިމް ވާހަކަ ދައްކާ މަޝްވަރާ ކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް ސިޔާސީ ގިނަ ފަރާތްތަކުން ގުޅަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ގާސިމްއަށް މެސެޖެއް ކުރައްވާފައިވާ ކަމަށާއި ނަމަވެސް ގާސިމް އެމެސެޖަށް އަދި މިހާތަނަށް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ.
"ރައީސް ނަޝީދު ގާސިމްއަށް މެސެޖެއް ކުރެއްވި ނަމަވެސް އެމެސެޖަށް ގާސިމް އަދި ޖަވާބެއް ނުދެއްވާ. އަދި އެހެނިހެން ސިޔާސީ ފަރާތްތައްވެސް ގުޅަމުން އެބަގެންދަވާ އެހެންނަމަވެސް ގާސިމް ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާއެއް ނުކުރައްވާ،" ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ތަރުޖަމާން އިބްރާހިމް ހަލީލު ވިދާޅުވިއެވެ.
އިތުރަށް ހަލީލު ވިދާޅުވީ މިހާރު ބައެއް ސޯސަލް މީޑިއާތަކުގައިއާއި ރަށުތެރޭގައި ގާސިމްގެ ހާލުކޮޅާދޭތެރޭ ސުވާލު އުފައްދާ ދޮގުމައުލޫމާތު ފަތުރަމުން ދާކަމަށާއި އެހެންނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ.
"ގާސިމް ހުންނެވީ ހެޔޮ ހާލުގައި. ފެތުރިގެން އުޅޭ އަޑަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން" ހަލީލު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ