40000 ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭ، އެންމެން ފޮނުވާލާނަން: އުމަރު ނަސީރު

ރާއްޖޭގައި ގަވާއިދާ ހިލާފަށް 40000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ ކަމަށާ، އެ އެންމެން އަނބުރާ އެމީހުންގެ ގައުމު ތަކަށް ފޮނުވާލާނެ ކަމަށް، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަަ ކުރައްވަން ނިންމާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު އޭނާގެ ފޭސްބުކްގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި 40،000 އަށް ވުރެ ގިނަ ބިދޭސީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މީހުން ވަނީ ދިވެހިން މީގެ ކުރިން ކުރަމުން އަންނަ ގިނަ މަސައްކަތްތައް ބިދޭސީންގެ އަތް މައްޗައް ނަގައިފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި ހުރިހާ މަސައްކަތްތަކެއް ޗައިނާ މީހުން ކުރަމުން އަންނަ އިރު، ކުދި ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަނީ ޗައިނާ ނޫން، އެހެން ގައުމުތަކަށް ނިސްބަތްވާ ބިދޭސީން ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފި ނަމަ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ. އަދި އެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން ފުރަތަމަ 3 އަހަރު ތެރޭގައި އެއްކޮށް ހައްލު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރުގެ ސިޔާސަތަކީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އަނބުރާ ފޮނުވާލުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިމެނޭ ވަކި ޔުނިޓެއް އުފެއްދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ