ސުޕްރީމް ކޯޓުގެ ޙުކުމް އިބޫ އަދިވެސް ގަބޫލެއް ނުކުރައްވާ

12 މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ، މަޖިލީހަށް ވަދެވޭނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ސްޕްރީމް ކޯޓުން އިއްޔެ ނިންމި ނިންމުމާއި އެކު 12 މެންބަރުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އިބޫ ވިދާޅުވީ މައްސަލާގައި ކޯޓުން ސާފު ހުކުމެއް ކަނޑައަޅަންދެން 12 މެމްބަރުންނަށް ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަހެއް ނެތްކަމަށެވެ.
"އެކެއް ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ މަޖިލިސް 12 މެމްބަރުންގެ ބައި އިއްޔެ ސްޕްރީމް ކޯޓުން ބާތިލްކޮށް ނިންމި ނިންމުމުގެ ސަބަބުން މަޖިލިސް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ކަށަވަރުވެއްޖެ. އެ މެމްބަރުންނަށް މަޖިލީހަށް ވަނުމަށް ހުރަހެއް ނެތް" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އެ މެންބަރުންގެ މައްސަލާގައި ސްޕްރީމް ކޯޓުން ސާފުހުކުމެއް ދީފައިނުވާކަމަށާއި އެހެން ދިމާވަނީ ފަނޑިޔާރުންވެސް ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުމުން ކަމަށެވެ. އަދި ސެޕްޓެމްބަރު 23 ވަނަ ދުވަހަކީ އެ ބިރުވެރިކަން ނިމުމަކަށް އަންނާނެ ދުވަސްކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީއާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނެވެ.
މިދިޔަ ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި މައިގަނޑު ތިން ކަމެއް ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރަން އޮތް ބަޔާއި، އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައި އޮތް އޮތުން ހިމެނެއެވެ. މިހާތަނަށް އައި އިރު މައިގަނޑު ހުރިހާ ބައެއް ވެސް ސްޕްރީމް ކޯޓުން މިވަނީ ބާތިލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ