ކަރަންޓް ނެތި 20 ގަޑިއިރު، ފީވަކު ރައްޔިތުން ހަޅުތާލުގައި!

އާބާދީގައި 1030 މީހުން ތިބި ށ. ފީވަކުން ކަރަންޓް ކެނޑިފައި އޮންނަތާ 20 ގަޑިއިރު ވެއްޖެ އެވެ. ރޭ އަށެއް ޖެހި އިރު ކަރަންޓް ކެނޑުނު ފަހުން މިވަގުތާހަމަ އަށް ވެސް ކަރަންޓް ލިބިފައި ނުވާ ކަމަށް އެރަށުން ކައުންސިލުން ބުންޏެވެ.
ރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވީ ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. އެހެންވެ، ރަށު ކައުންސިލްގެ އިދާރާއާއި އިންޖީނުގެ ދޮށަށް އެއްވެ، އެމީހުން އިހުތިޖާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގައި، އެނގިވަޑައިގަންނަވާނެ މިޒަމާނުގައި 24 ގަޑިއިރު ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ތަނެއްގައި، ކަރަންޓް އެންމެ ހިނދުކޮޅަކަށް ވެސް މެދުކެނޑިގެން ދިޔައިމާ ރައްޔިތުންނަށް ލިބޭނެ ނިކަމެތިކަން، މިހާރު ފީވަކުގައި ސްކޫލްގެ ކިޔަވައިދިނުން މެދުކެނޑިފައި އޮތީ. ސިއްހީމަރުކަޒުން ފޯރުކޮށްދެމުންދާ ހިދުމަތް މެދުކެނޑިފައި އޮތީ، ދައުލަތުގެ އެހެން މުއައްސަސާތަކުގެ ހިދުމަތް މެދުކެނޑިފައި އޮތީ، ރަށުގެ ކުދި ބޮޑު އެންމެން ނުނިދައި އެތިބީ،" ސަން އަށް މައުލޫމާތު ދެއްވަމުން ރަޝީދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ރޭ ކަރަންޓް ކެނޑުނު އިރު ފިނިކޮށްގެން ގެންގުޅެން ޖެހޭ ގިނަ އަދަދެއްގެ ކާނާގެ ބާވަތްތައް ހުރި ކަމަށެވެ. އަދި ކަރަންޓް ނެތި މިހާ ގިނަ ވަގުތު ހޭދަވުމުން އެތަކެތި ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
".. ކުކުޅާ ގެރިމަހާ ރޯމަހާ މިބާވަތުގެ އެއްޗެއްޗެތި ފްރީޒްކޮށްގެން ގެންގުޅެމުން އެދަނީ، އެހުރިހާ އެއްޗެތި ހަލާކުވެ ނެތިގެން އެދިޔައީ،" ރަޝީދު ވިދާޅުވި އެވެ.
ފީވަކުން ކަރަންޓް ކެނޑުނީ ކަރަންޓާއި ފެނުގެ ހިދުމަތްދޭ ދައުލަތުގެ ކުންފުނި "ފެނަކަކޯޕަރޭޝަން" އިން އެރަށުގައި ހިންގަމުން އައި އިންޖީނުގޭގައި ހުރި ހަތަރު ޖަނަރޭޓަރު ހަލާކުވެގެން ކަމަށް ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖަނަރޭޓަރުތަކަށް މައްސަލަ ޖެހެން ފެށީ ކުއްލިއަކަށް ނޫން ކަމަށާއި މިހާރު އޮތް ހާލަތަށް ދިއުމުގެ އެތައް ދުވަހެއް ކުރިން، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެންނަވާފައިވާނެ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ކުރީގެ ޔޫޓިލިޓީސް ކުންފުންޏާ ފީވަކު ރައްޔިތުންގެ އިންޖީނުގެ ހަވާލުކުރި އިރު ރަނގަޅަށް ހިނގަ ހިނގައި ހުރި ހަތަރު ޖަނަރޭޓަރު އެތާގައި ހުންނާނެ ކަމަށެވެ. ޔޫޓިލިޓީސް ކުންފުންޏާއި އޭގެ ފަހުން ހަވާލުވި ފެނަކަ ކޯޕަރޭޝަނުން ވެސް ފީވަކަށް އާ ޖަނަރޭޓަރެއް ނުގެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކުންފުނިތަކުން މިއަދާ ހަމައަށް އެންމެ ޖަނަރޭޓަރެއް ވެސް ނެތް އަޅުގަނޑުމެން ރަށަށް ގެނެސްފައި،" ރަޝީދު ވިދާޅުވި އެވެ.
ފީވަކަށް އަލުން ކަރަންޓް ދެވޭނެ އިރެއް ފެނަކަ ކޯޕަރޭޝަނަށް ވެސް ނޭނގޭ ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް 128 ކިލޯވޮޓްގެ ޖަނަރޭޓަރެއް ފީވަކަށް ފޮނުވުމަށް ފެނަކައިން ނިންމާފައިވާ ކަމަށް ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބެނީ 128 ކިލޯވޯޓްގެ ޖަނަރޭޓަރެއް ފީވަކަށް ގެންދަން ނިންމާފައިވާ ކަމަށް، އެކަމަކު އެކަން ކުރެވޭނީ ކޮން އިރަކު ކަމެއް އަޅުގަނޑަކަށް ނޭނގޭ، އެބޭފުޅުންކަށް ވެސް ވިދާޅެއް ނުވެވޭ." ރަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ