ކޯލިޝަން ދެމެހެއްޓުމަށް ގާސިމް ވަނީ ހުރިހާ ގުރުބާނީއެއްވެވަޑައިގެންފައި: ސަމީރު

ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދު ދެމެހެއްޓުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެވަޑައިގެންފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން އިއްތިހާދުގެ ރަނިންމޭޓެއްގެ ގޮތުގައި ނެރޭނެ ބޭފުޅަކު އިންތިޚާބުކުރުމަށް ނެގުނު ވޯޓަށްފަހު ވީމީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ސަމީރު ވިދާޅުވީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޮންމެފަދަ ގުރުބާނީއެއްވެސް ވެވަޑައިގެންފާނެކަމަށެވެ. އެކަން މިހާރު ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދު ދެމެހެއްޓުމަށް ގާސިމް ކުރައްވާ މަަސައްކަތުން ހާމަވާނެކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ގާސިމް އިބްރާހިމް ހުންނެވީ ދެއްވަންޖެހޭ ކޮންމެ ދުލެއް ދެއްވުމަށް ތައްޔާރަށްކަމަށާ މިހާތަނަށްވެސް އެމަނިކުފާނު ވަނީ ކޯލިޝަން ދެމެހެއްޓުމަށް ވަރަށް ގިނަ ގުރުބާނީތަކެއް ވެވަޑައިގެންފައިކަމަށެވެ. އެކަމަށްޓަކައި އިސްލާހަށް މަސައްކަތްކުރާ ރައްޔިތުންގެ ނަމުގައި ގާސިމަށް ހައްގު ޝުކުރު އަދާކުރާކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީކަން ގާސިމް އިބްރާހިމް ސާފުކޮށްދެއްވައިފިކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ގައުމުގެ މަސްލަހަތަށް އަބަދުވެސް އިސްކަން ދެއްވާނެކަން ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައިވާކަމަށް ސަމީރު ވިދާޅުވިއެވެ.
ގާސިމްގެ ވިސްނުންފުޅަކީ ރާއްޖެއަށް ހަމަޖެއްސުން އަންނާނެ ކޮންމެ މަގަކުން މަސައްކަތް ކުރެއްވުންކަމަށާ އެގޮތުގައި ކުރިއަށް އޮތްތާވެސް އެމަނިކުފާނު ދެމި ހުންނަވާނެކަމަށް ސަމީރު ވިދާޅުވިއެވެ.
"މި ކޯލިޝަން ދެމެހެއްޓުމަށް ގާސިމް ވަނީ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންފައި. ދޫދެއްވަންޖެހޭ ކޮންމެ ހާލަތެއްގައި ދޫދެއްވާފައި." ސަމީރު ވިދާޅުވިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފްވެސް ގާސިމަށް ޝުކުރުއަދާކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި ކޯލިޝަންގެ ސަރުކާރު އެކުލަވާލުމާއި ބެހޭގޮތުން ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މުހިންމު ނިންމުންތަކެއް ވަނީ ނިންމާފަ އެވެ. އެގޮތުން ޕާޓީތަށް ކޯލިޝަން ސަރުކާރުގައި ހިއްސާ ކުރާނެ މިންވަރު ވަނީ ކަނޑައަޅާފައެވެ.
މަހުލޫފްގެ ޝުކުރު ޖުމްހޫރީ ޕާޓީގެ ލީޑަރަށް ޚާއްސަކޮށްފައިވަނީ ސަރުކާރުގައި ޕާޓީތައް ހިއްސާކުރާނެ މިންވަރާއިމެދު އެހެން ލީޑަރުން ހުށައެޅުއްވި ހުށައެޅުއްވުމަށް ދޫދެއްވާ، ޖުމްހޫރީ ޕާޓީން ނަމޫނާ ދެއްކުމާއި ގުޅިގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ