ސުޕްރީމް ކޯޓުގެ ޗެމްބަރު ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ ހަމަޖައްސައިފިއެވެ.
ސުޕްރީމް ކޯޓުން ބުނީ މިގޮތަށް ހަމަޖެއްސީ އެކޯޓުގެ ގަވާއިދުގެ 89 ވަނަ މާއްދާގެ ދަށުން ކަަމަށެވެ.
މިގޮތުން މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ ސުޕްރީމް ކޯޓުގެ ޗެމްބަރު ފަނޑިޔާރުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން ކޯޓުގައި ހިނގާ މައްސަލަތަކުގައި ހިމެނޭ ވަކީލުންގެ ޗުއްޓީގެ ކަންކަން ބެލެހެއްޓުމާއި، ވަކީލު ބަދަލުކުރަން ނުވަތަ މައްސަލައިން ތަނާޒުލްވާން ހުށަހެޅުމުން ގޮތް ނިންމުމާއި، މައްސަލައެއްގައި ހިމެނޭ ފަރާތެއް އުނިކުރުމަށް ނުވަތަ އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތް ނިންމާނީ ޗެމްބަރު ފަނޑިޔާރެެވެ.
އަދި އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތައް ހުށަހެޅުމުގެ ހުއްދަދިނުމާ މެދު ގޮތެއް ނިންމުމާއި، ކަފާލާތުގެ މައްސަލަތަކާ މެދު ގޮތް ނިންމުމާއި، ރަޖިސްޓްރާގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމަކީ ވެސް ޗެމްބަރު ފަނޑިޔާރުގެ މަސްއޫލިއްޔަތެއް ކަމަށް ގަވާއިދުގައި ބުނެއެވެ.
ސުޕްރީމް ކޯޓުގެ ޗެމްބަރު ފަނޑިޔާރުކަމަށް ބޭފުޅުން އައްޔަންކުރެއްވުމުގެ ބާރު އޮންނަނީ އުއްތަމަ ފަނޑިޔާރެވެ.
އެންމެ ފަހުން އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދުގެ މަގާމު ގެއްލުނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅިގެން އުފުލުނު ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށް، ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން ދަށުކޯޓުގެ ނިންމުން ރަގަޅު ކަމަށް ނިންމައި އިސްތިއުނާފު ބަލައިނުގަތުމުންނެވެ.
ސުޕްރީމް ކޯޓުގެ އެނިންމުމާއެކު ހުސްވި ދެމަގާމަށް ދެފަނޑިޔާރުން އައްޔަންކޮށް އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ.އަހުމަދު އަބްދުﷲ ދީދީ ވަނީ އައްޔަންކޮށްފައެވެ. އަނެއް ދެމަގާމަށް އައްޔަންކޮށްފައިވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއާއި ހައިކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުލްޣަނީ މުހައްމަދެވެ.
ސުޕްރީމް ކޯޓުގެ ޗެމްބަރު ފަނޑިޔާރަކަށް އާދަމް މުހައްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ