ދިވެހިރާއްޖެ މިދަނީ ޝައިޚް ހަސީނާގެ ސިނާރިއޯއާ ދިމާއަށް - އުމަރު

ރާއްޖޭގެ ޑިމޮކްރަޓިކް މުޅި ހަޔާތް މިއޮތީ ވަރަށް ބޮޑަށް ވިއްސިވިހާލިވެ މުޅިން ޚަރާބުވެފައި ކަމަށާއި ދިވެހިރާއްޖެ މިދަނީ ޚާލިދާ ޒިއާއި، ޝައިޚް ހަސީނާގެ ސިނާރިއޯއާ ދިމާއަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއް އެވެ.
ކުރިއަ އޮތް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ ދުވަހަކުވެސް އެހެން ބަޔަކު ސިޔާސީ މައިދާނުގައި އުޅޭކަމަކަށްވެސް އެދެމީހުންނަކަށް ނޭގޭކަމަށެވެ.
"އެހެންވީމާ ރާއްޖޭގައިވެސް އެހެންވެފައި މިއޮތީ. އެއީ އެމްޑީޕީ ފަޅިއާއި ޕީޕީއެމްފަޅި، އެމީހުން ތިބޭނީ ރާއްޖޭގެ ސިޔާސީ މަސްރަހު ބްލޮކްކޮށްގެން. ދެފަޅިން ތިބޭނީ ޕާޓީގެ ލީޑަރޝިޕް ވެސް ބްލޮކް ކޮށްގެން" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މި ހުރިހައި ކަމެއް ރަނގަޅުނުކޮށް ރައްޔިތުން ބޭނުންވާ ތަރައްގީއާއި ތަމައްދުންއާ ކުރިއެރުވެސް ރާއްޖެއަށް ނުގެނެވޭނެ ކަމަށެވެ.
"ގައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނާނީ ޕޮލިޓިކަލް ލީޑަރޝިޕްގެ މައްޗަށް އަބަދުވެސް. ޕޮލިޓިކަލް ލީޑަރޝިޕުން ޕުޝްކުރި ވަރަކަށް ތަރައްގީވަނީ. އަދި ޕޮލިޓިކަލް ލީޑަރޝިޕުން އިސްކަންދޭ ކަމެއް ކުރިއަރާނީވެސް،" އުމަރު ވިދާޅުވިއެވެ.
ތަރައްގީ މިހާރު އަންނަންޖެހެނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ކަމަށާއި، އެކަމަކު ރާއްޖޭގެ ސިޔާސީ ޕާޓީތަކަކީ މިހާރު ޕާޓީތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޕާޓީތަކަކީ މިހާރު މީހުންތަކެއް. އެއްވެސް ޕާޓީއަކީ އެތެރެގޭ ޑިމްކްރަސީއާ ހަމަ ހިފަހައްޓާ ޕާޓީއެއްނޫން،" އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ އިދިކޮޅު ކޯލިޝަނުން ކެނޑިޑޭޓެއް ނުދެއްކުނު ކަމަށް ބުނެ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވައިފަ އެވެ. އަދި އޭނާގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ