މާޅެންދޫ އާއި ހެނބަދޫ ކުޅުނު މެޗު އެއްވަރު ވެއްޖެ

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ 'ސިޔާމް މައުރޫފް ސޮކަ ކަޕް' ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗްގައި މާޅެންދޫ އާއި ހެނބަދޫ 2-2ގެ ނަތީޖާއަކުން އެއްވަރު ވެގެން ނިމިއްޖެ އެވެ. ކުޑަފަރީގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މާޅެންދޫގެ ދެ ގޯލް ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފްގަ އެވެ. އެ ގޮތުން އެ ޓީމްގެ ފުރަތަމަ ގޯލް ހަސަން ނަސީރު ކާމިޔާބު ކުރި އިރު ދެވަނަ ގޯލް ޖެހީ މުހައްމަދު ފައިސަލް އެވެ. މާޅެންދޫ ދެ ގޯލްގެ ލީޑެއް ނަގާފައި ވަނިކޮށް ހެނބަދޫ އިން ދެވަނަ ހާފްގައި ކުޅުން ރަނގަޅު ކޮށް ވަނީ ދެ ގޯލް ކާމިޔާބުކޮށްފަ އެވެ. އެ ޓީމްގެ ފުރަތަމް ގޯލް މުހައްމަދު ވަހީދު ކާމިޔާބު ކުރި އިރު ދެވަނަ ގޯލް މުހައްމަދު ޝަރީފް ކާމިޔާބުކޮށް ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ 'ސިޔާމް މައުރޫފް ސޮކަ ކަޕް' ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ: ހަފްސީ އަބްދުﷲ ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ހެނބަދޫ ޓީމްގެ ކެޕްޓަން ހުސެއިން އަބްދުﷲ އެވެ. އެ މުބާރާތުގެ ހަތަރު ވަނަ މެޗުގައި މިއަދު ހަވީރު މުބާރާތް ބާއްވާ ރަށް ކުޑަފަރީއާ ދެކޮޅަށް ނިކުންނާނީ ހޮޅުދު އެވެ. ދެ ގްރޫޕްކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ގްރޫޕް އޭގައި ހިމެނެނީ ލަންދޫ އާއި ހޮޅުދޫ އާއި ކުޑަފަރީގެ އިތުރުން ކެނދިކުޅުދޫ އެވެ. ގްރޫޕް ބީގައި ހިމެނެނީ މަނަދޫއާއި މަގޫދޫ އާއި މާފަރު އާއި މާޅެންދޫގެ އިތުރުން ހެނބަދޫ އެވެ. ޖުމުލަ ނުވަ ޓީމް ވާދަކުރާ އެ މުބާރާތަކީ ނޫނު އަތޮޅުގައި މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެންމެ އަގު ބޮޑު މުބާރާތެވެ. މިފަހަރު އެ މުބާރާތަށް ދޮޅު ލައްކަ ރުފިޔާ ހުށަހަޅާފައިވެ އެވެ. އެގޮތުން އެއް ވަނަ އަށް އަންނަ ޓީމަކަށް އެއްލައްކަ ރުފިޔާ ލިބޭ އިރު ރަނަރަޕް ޓީމަށް ބައި ލައްކަ ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ. އެ މުބާރާތަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވައުދުވެވަޑައިގަނެފައިވާ ގޮތަށް ކޮންމެ އަހަރަކު ވެސް ނޫނު އަތޮޅުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެ ގޮތުން އެ މުބާރާތް އިއްޔެ ފައްޓަވައި ދެއްވީ މައުރޫފްގެ އިތުރުން އެމްޑީއޭގެ ލީޑަރު މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ