ޔާމީނަށް އަނިޔާ ކުރަމުންދަނީ މޯދީގެ އޯޑަރަށް: އަދުރޭ

ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާ ކުރަމުންދަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އޯޑަރަށް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ދަމަހައްޓަން ހައިކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެންނެވެ.
އެގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ މިހާރު ރާއްޖޭގައި މިއޮތީ ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ނޫން ކަމަށާއި މިއީ ހުދުމުހުތާރު އަދި ބައެއްގެ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށެވެ.
"ރައީސް ޔާމީނަށް އަނިޔާ ދިނުމުގައި އިސްވެ މިއޮތީ އަވަށްޓެރި އިންޑިއާ. ހަމަ ސީދާ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު މޯދީގެ އޯޑަރަށް ރައީސް ޔާމީނަށް އަނިޔާ ކުރަމުން އެގެންދަނީ. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް" އަދުރޭ ވިދާޅުވިއެވެ.
ހައިކޯޓުން އިއްވި ހުކުމަށް އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވީ އެއީ ބާތިލު ހުކުމެއް ކަމަށާއި މި ހުކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަޑީގައި ތިއްބަވައިގެން ޔާމީންގެ މައްޗަށް އަނިޔާވެރިވުމުގެ ގޮތުން އިއްވި ހުކުމެއް ކަމަށެވެ.
އަދި މި ސަރުކާރު އޮއްވައި އިންސާފު ލިބިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި މިއީ ކަންބޮޑުވުން އޮތް ކަމެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އެގޮތުން ލަސްތަކެއް ނުވެ މި މައްސަލަ ސުޕްރީމް ކޯޓުން އިސްތިއުނާފް ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއުފުލާ އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ