އުއްތަމަ ފަނޑިޔާރު ކަމަށް 3 ބޭފުޅަކު ކުރިމަތިލައްވައިފި

އުއްތަމަ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ވީ ކިހިނެއް؟ - އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން މިދިޔަ ހަފްތާގައި އެ މަގާމުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުންނެވެ.
އެއާ އެކު، މިއަދު 12 ޖެހުމުގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލުމަށް މިދިޔަ ހަފުތާ ހޯމަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި، އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ:
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދު
ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)
ފާހަގަކޮށްލެވޭ - މީގެ ތެރެއިން ގަނީއަކީ މިދިޔަ ސަރުކާރުގެ ދުވަސްވަރު، ޖޭއެސްސީން ފޮނުވައި މަޖިލީހުން ފާސްކޮށްގެން ފަނޑިޔާރުކަމުން ވަކިކުރި ބޭފުޅެކެވެ. އޭނާ ފަނޑިޔާރުކަމުން ވަކިކުރީ ޑިސެމްބަރު 2019ގަ އެވެ.
ޝުޖާއު އުސްމާން ވެސް ވަކިކުރަން އޭރުގެ ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވާފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވި އެވެ. ޝުޖާއު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ އޮގަސްޓް 2020ގަ އެވެ.
ގުޅުން ހުރި - މުއުތަސިމް މިއަދު ރިޓަޔާ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ހަމީދުގެ އިތުރުން ދެން އެ ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ:
އައިޝާ ޝުޖޫން މުހައްމަދު
އަލީ ރަޝީދު ހުސައިން
ޑރ. މުހައްމަދު އިބްރާހިމް
ހުސައިން ރަޝީދު
މުހައްމަދު ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ