"ފެން ހުސްވާނެ ކަމަށް ދައްކާ ވާހަކަ މީހުން ގަބޫލެއްނުކުރޭ. އޭރު ހިތަށްއަރަނީ ކިހިނެއްހޭ ފެން ހުސްވާނީ."
މީގެ ހަތަރު އަހަރު ކުރިން އަޅުގަނޑަށް ދެއްވި އިންޓަވިއުއެއްގައި، އޭރު ޖަޕާންގައި ހުންނެވި ރާއްޖޭގެ އެމްބެސެޑަރު، ހަސަން ސޯބިރު ވިދާޅުވި އެވެ.
ސޯބިރުގެ އެ ވާހަަކަކޮޅު އަނެއްކާ ހަނދާނަށް މިއައީ އުމުރުފުޅުން 74 އަހަރުގައި އަވަހާރަވުމާ އެކު އެވެ. އެމަނިކުފާނުގެ ގައުމީ ހިދުމަތުގައި އަޅުގަނޑު ހުޅުވާލާނީ ކޮން ސަފުހާއެއްތޯ ވިސްނަމުން ދަނިކޮށެވެ. ގިނަ މީހުންގެ ހަނދާނަށް އައުން ދުރު ކަމަކަށް ވެސް ވާނީ އެ ދާއިރާކަމަށް ގަބޫލުކުރެވެ އެވެ. ސަބަބަކީ ރައްކާތެރި ފެނުން މަހުރޫމްވެފައި ތިބި ވެރިރަށުގެ ރައްޔިތުން އޭރު ތަހައްމަލްކުރި އުނދަގޫތަކާއި ނުރައްކާތަކުން ހިމާޔަތްކުރަން ސަރުކާރުން ފެށި ގައުމީ މަޝްރޫއުގެ ހަނދާންތަކަށް ވުރެ އަވަހަށް އަންނާނީ މިނިސްޓަރުކަމުގައި ސޯބިރު ހޭދަކުރެއްވި ދުވަސްތައް ކަމަށް ވާތީ އެވެ.
އެކަމަކު ސޯބިރަކީ މާލޭގެ ފެނުގެ މައްސަލަތައް ހައްލެއް ހޯދަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗުއޯއިން 1970ގެ އަހަރުތަކުގެ ކުރީކޮޅު އެކުލަވާލި ރޭވުންތެރިކަމުގެ ދަށުން ބޭރަށް ކިޔަވަން ފޮނުވި ޒުވާނުންގެ ތެރެއިން އެއް ބޭފުޅެވެ. އިންޑިއާގެ މެޑްރާސް، މިހާރު ނަމަ، ޗެންނާއީއަށް، 1974ގައި އެމަނިކުފާނު ވަޑައިގަތީ އެކައުންޓިން ދާއިރާއިން ކިޔަވާ ވިދާޅުވާށެވެ.
""އެ ޕްރޮގްރާމްގައި މެކޭނިކަލް އިންޖިނިއަރެއް، ދެ ސިވިލް އިންޖިނިއަރުން، ދެން އެކައުންޓެންޓެއް ތަމްރީންކުރަން ފޮނުވި،" އަޅުގަނޑަށް ދެއްވި އިންޓަވިއުގައި ސޯބިރު ވިދާޅުވި އެވެ.
"އޭގެ ބޭނުމަކީ ފެނުގެ މައްސަލަ ހައްލުކުރަން ފެނާ ބެހޭ ކުންފުންޏެއް އުފެއްދުން."
ކިޔަވާ ވިދާޅުވުމަށް ފަހު 1978ގައި ސޯބިރު ވަޑައިގެން އޭރުގެ އެމްޑަބްލިޔުއެސްއޭގައި މަސައްކަތް ފެއްޓެވި އެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ ރަައީސް އިބްރާހިމް ނާސިރުގެ ވެރިކަން ނިމި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ފެށުނެވެ. އެހާ ހިސާބުން މައުމޫން ސަރުކާރުން ސޯބިރު ހާއްސަކުރަން ބޭނުންވީ އަލަށް އުފެއްދި ޕްލޭނިން އެޖެންސީގަ އެވެ. އެހެންވެ ތަފާސްހިސާބުގެ ރޮނގުން ތަމްރީންކުރަން ސޯބިރު ފޮނުވީ އެމެރިކާއަށެވެ.
މާލޭގެ ފެނުގެ ހާލަތު އޭރު އޮތީ ވަރަށް ދަށުގަ އެވެ. ފެނުގެ ޒަރީއާއިން ފެތުރޭ ކޮލެރާ އާއި ޝިގެއްލާގެ ނުރައްކާތެރި ދެ ބަލިމަޑުކަމެއް ކުރިމަތިވި އެވެ. ހާއްސަކޮށް 1982ގައި މާލެއިން އުފަންވި ޝިގެއްލާ ބޭރަށް ހިންގުމެވެ. އެ ބަލީގައި މާލެއިން އެކަނި ވެސް 33 މީހުން މަރުވި އެވެ.
މާލޭގެ ފެން ލޮނުވެ، އޭގެ އިތުރުން ނަޖިސްވުމުގެ ނުރައްކާ އުފެދެން ފުރަތަމަ ފެށީ 20 ވަނަ ގަރުނުގެ ކުރީކޮޅު އެވެ. އާބާދީ ބޮޑުވެ، 1980ގެ އަހަރުތަކަށް އެޅުނު އިރު މާލޭގެ ގިނަ ސަރަހައްދެއްގެ ފެން ލޮނުވެއްޖެ އެވެ. ރަނގަޅު ނަރުދަމާއެއް ނެތުމުން އެކި ގޭގޭގައި ފާހާނާކުރުން އޮންނަނީ އެކި ގޮތްގޮތަށެވެ. ގޯތިތެރޭގައި ޖަންކްޝަން ބަހައްޓައިގެންނެވެ. މަގުތަކުގައި ކޮންމެވެސް އަމިއްލަ މީހަކު ލާފައި އޮންނަ ނަރުދަމާ ހޮޅިއަށް އެހެން ގޭގެއިން ހޮޅި ގުޅައިގެންނެވެ. އެ ހޮޅިތައް ފެޅި މަގުތަކަށް ނަޖިސް ބޭރުވެ އެވެ. ޖަންކްޝަންތަކުން ހިނދޭ ނަޖިސް ފެން، ވަޅު ފެނާ އެކުވެ، ހަަރާބުވެ އެވެ.
އަޅުގަނޑަށް ދެއްވި އިންޓަވިއުުގައި ސޯބިރު ވިދާޅުވީ ފެން ލޮނުވަމުން ދިޔަ އިރު ވެސް ގިނަ މީހުން އެކަން ގަބޫލުނުކުރި ކަމަށެވެ. ބިމު އަޑީގައި އޮންނަ ފެން ފަށަލަ ހުސްވުމުން ދެން އަރާނީ ލޮނުކަމެއް އާންމުންނަކަށް ނޭނގެ އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި 1 އެޕްރީލް 1995ގައި މުޅިން އާ ކުންފުންޏެއް، އެމްޑަބްލިޔުއެސްސީގެ ނަމުގައި، އުފެއްދި އެވެ. ސޯބިރަކީ އެ ކުންފުނީގެ ޗެއާމަން އެވެ. އެތައް އަހަރެއް ފަހުން އަނެއްކާ ފެނާ ބެހޭ ބޮޑު ޒިންމާއެއް ހަވާލުކުރީ، އެމަނިކުފާނު ގަބޫލުފުޅުކުރެއްވި ގޮތުގައި، ފެނުގެ ހިދުމަތަށް ހާއްސަކޮށްގެން ތަމްރީންކުރި ބޭފުޅުންގެ ތެރޭގައި ހިމެނޭތީ އެވެ.
ޑެންމާކްގެ ދެ ކުންފުންޏަކާ އެކު އެމްޑަބްލިޔުއެސްސީ އުފެއްދީ ސަރުކާރުގެ %70 ހިއްސާއާ އެކު އެވެ. އެންމެ ބޮޑު މަސައްކަތަކީ މާލެއަށް ސާފު ފެން ފޯރުކޮށްދިނުމެވެ. އެއީ ގޮންޖެހުން ބޮޑު، އެހާމެ އުނދަގޫ ވެސް މަސައްކަތެއް ކަމަށް، އޭގެ 25 އަހަރު ފަހުން، ދެއްވި އިންޓަވިއުގައި، އަޅުގަނޑަށް ހަނދާންކޮށްދެއްވި އެވެ.
އޭރު އިރުވައި މޫސުމުގައި މާލޭގެ ގޭގެ ފެން ތާނގީތަކުން (ޒުވާން ކިއުންތެރިންގެ ސަމާލުކަމަށް: ރައްކާތެރި ބޯ ފެން ފޯރުކޮށްދޭން 1980ގެ އަހަރުތަކުގެ މެދުތެރޭގައި ސަރުކާރުން ހިންގި މަޝްރޫއުގައި ވަރަށް ގިނަ ގޭގޭގައި ސިމެންތި ފެންތާނގީތައް ހަދައި، ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމް ހަމަޖައްސައިދިނެވެ.) ފެން ހުސްވެ، ފެނަށް ޖެހެ އެވެ. ދެން ފެން ބަލާ ދަނީ އެމްޑަބްލިޔުއެސްއޭއިން މާލޭގެ ބައެއް މިސްކިތްތަކުގެ ބޭރުގައި ހަރުކޮށްފައި ހުންނަ ފެން އިސްކުރު ދޮށަށެވެ. އެއީ ލޮނުން އުފައްދާފައި ހުންނަ ފެނެވެ.
ދިގު ފެން ކިއޫތަކުގެ ފޮޓޯތައް މިހާރު ވެސް ސޯޝަލް މީޑިއާއިން ފެނެ އެވެ.
އެ ހާލަތު ބަދަލުކުރުމުގެ ޒިންމާ ނެގީ އެމްޑަބްލިޔުއެސްސީންނެވެ. މާލޭގެ ގޭގެއަށް ފެން ހޮޅި ގުޅައި، ފެން ދޫކުރަން ރަސްމީކޮށް ފެށީ 20 ޖެނުއަރީ 1996ގަ އެވެ. އާ ކުންފުނި އުފެއްދިތާ ގާތްގަނޑަކަށް އެންމެ ނުވަ މަސް ތެރޭގަ އެވެ.
ފެނާ ގުޅިގެން އޭރު ދިމާވި ކޮންމެ ޝަކުވާއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ އިސް ވެރިޔަކީ ސޯބިރެވެ. އޭގެ ތެރޭގައި އަގެއް ނަގައިގެން ފެނުގެ ހިދުމަތް ދޭން ފެށުމުން އާންމުންގެ ތެރޭގައި އުފެދުނު ފާޑުކިޔުންތަކާއި ހިތްހަމަނުޖެހުން ވެސް ހިމެނެ އެވެ.
"ވާރޭ ފަނަށް އާދަވެފައި ތިބި ބައެއްގެ ފަރާތުން ނުނިކުމެ ނުދާނެ ޝަކުވާތަކެއް އަންނަން ފެށި،" ފެނުގެ ރަހަ ތަފާތުވުމުން ދިމާވި ކަމެއްގެ ވާހަކަ އާކުރައްވައި، ސޯބިރު ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްސީ އުފެއްދީ ވިޔަފާރި ކުންފުންޏެއްގެ ގޮތަށެވެ. ފެނަކީ ތައްޔާރުކުރާ އެއްޗެއް ވެސް މެ އެވެ. އެއަށް ހަރަދު ހިނގަ އެވެ. ކުންފުނި ދެމިއޮންނާނީ ފައިދާއެއް ވެސް ވެެގެންނެވެ. އެކަމަކު ފެނަށް އަގު ނުދެއްކޭނެ އެތައް ބަޔަކު ވެސް އޭރު އުޅުނެވެ. އެހެންކަމުން ސަރުކާރުގެ ކުރިމަތީގައި އޮތީ، ސޯބިރު ވިދާޅުވި ގޮތުގައި، ވަކި ގޭބިސީތަކަށް ހިލޭ ފެން ފޯރުކޮށްދިނުމުގެ ބަދަލުގައި މާލޭގެ އެކި ހިސާބުތަކުގައި ފެން އިސްކުރު ލުމެވެ. އެ އިސްކުރުތަކުން ނަގާ ފެނަށް އަގު ދެއްކީ ސަރުކާރުންނެވެ. އެ އިސްކުރު ބަރިތައް އެތައް އަހަރަކަށް ދެމިގެން ދިޔަ އެވެ.
އެމްޑަބްލިޔުއެސްސީގެ ޗެއާމަންގެ މަގާމުގައި ސޯބިރު ވަނީ ނުވަ އަހަރު ހޭދަކުރައްވައިފަ އެވެ. އެހާ ދިގު މުއްދަތެއް ވަންދެން އެ މަގާމުގައި ހުންނެވި އެހެން ބޭފުޅަކު ނެތެވެ.
އަޅުގަނޑަށް އެމަނިކުފާނު އިންޓަވިއު ދެއްވީ އެމްޑަބްލިޔުއެސްސީގެ ރިހި ޔޫބީލް ފޮތަށެވެ. އެ ފޮތުގައި ހިމެނި ސޯބިރުގެ ޕްރޮފައިލްގައި ލިއުނެވެ:
"އާރިފް ހިލްމީ (އޭރުގެ ފިނޭންސްގެ ސްޓޭޓް މިނިސްޓަރ)، ކޮލި އަލިމަނިކު (ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު) ފަދަ ބޭފުޅުން ވަރަށް ރަނގަޅަށް ކަންތައް ކުރިއަށް ގެންދެވީ. ބޯޑުގެ ބައްދަލުވުންތަކުގައި ވެސް އެ ބޭފުޅުން ވަރަށް ދޫނުކުރައްވާނެ ކަންކަން. ވަރަށް ވާހަކަ ދައްކަވާނެ،" ބޭރު ބަޔަކު ހިންގިޔަސް ހުރިހާ ކަމެއް އެ މީހުންގެ އަތްމައްޗަށް ދޫކޮށްނުލާކަމުގެ މިސާލު ނަންގަވަމުން، ސޯބިރު ވިދާޅުވި އެވެ.
ކުންފުނީގެ އިސް މަގާމުތަކަށް ބޭނުންވާނެ ދިވެހިން ތަމްރީންކުރަން ލާޒިމްކުރުން ފެށިގެން، ފޯރުކޮށްދޭ ފެނުގައި ޔޫރަޕްގެ ފެންވަރު ހުންނަން ޝަރުތުކުރުން ފަދަ ކަންކަން، ސޯބިރު ނަންގަވަނީ، ނަމޫނާ ނިންމެވުންތަކެއްގެ ގޮތުގަ އެވެ. އަދި އެއީ ޗެއަރމަނެއްގެ ޒިންމާ ނެންގެވި އިރު، ކުންފުނީގެ މިސްރާބު ވަރަށް ރަނގަޅަށް އެނގިވަޑައިގެންނެވި ސަބަބުތަކެއް ކަމަށް ވެސް، ވިދާޅުވި އެވެ.
"އެންމެ ބޮޑު ސަކްސަސްއަކަށް ވާނީ މާލެއިން ބޭރަށް ހިންގުމާއި (ފެެނުގެ ޒަރީޢާއިން ފެތުރޭ) ރޯގާތަކަށް ޙަޤީޤަތުގައި ޙައްލެއް ގެނެވުން. އާންމުންނަށް ރައްކާތެރި ފެނުގެ ނިޒާމެއް ގާއިމްކޮށްލެވުން،" ސޯބިރު ވިދާޅުވި އެވެ.
"އަނެއް ކާމިޔާބީއަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިއްޖެ މީހުން ތަމްރީންކުރެވުނީމާ. ދިވެހިންގެ އަތްމަތީގައި ކުންފުނި އޮންނަން ޖެހޭނީ."
ސޯބިރަކީ ސަރުކާރަށް 38 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ގައުމީ ހިދުމަތްތެރިއެކެވެ. ކެންސަރުގެ އާލާސްކަންފުޅުގައި މިދިއަ ހޯމަދުވަހު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އޮންނަވާތާ މަހެއްހާ ދުވަސް ފަހުންނެވެ. އަވަހާރަވުމުގެ ދެ ދުވަސް ކުރިން، ރާއްޖޭގެ މިނިވަން ދުވަހު، ރައީސް މުހައްމަދު މުއިއްޒު ވަނީ ސޯބިރަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ޝަރަފު އަރުވައިފަ އެވެ.
ސޯބިރު ކޮށްދެއްވި ގައުމީ ހިދުމަތުގެ ބޮޑު ބައެއް ހޭދަކުރެއްވީ ފިޝަރީޒް މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓަރުކަމުގަ އެވެ. ފަހުން އެމްބެސެޑަރުކަމުގެ އެކި ޒިންމާތައް ނެންގެވި އެވެ. ދެ އަހަރު ކުރިން ކެންސަރުގެ އާލާސްކަންފުޅު ދިމާވި އިރު ހުންނެވީ ޖަޕާންގަ އެވެ.
ކުރީގެ ރައީސް މައުމޫން ވިދާޅުވި ގޮތުގައި ސޯބިރަކީ "އެކި ހައިސިއްޔަތުން ގައުމަށް ތެދުވެރިކަމާ އެކު ހިދުމަތްކުރެއްވި ބޭފުޅެކެ"ވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސޯބިރަކީ އަވަށްޓެރިންނެވެ. ނަޝީދު ހަނދާން އާކުރެއްވީ ޒުވާން ދުވަސްވަރު ސޯބިރު ދެއްވި ނަސޭހަތްތަކެވެ.
"އަވަށްޓެރި އަދި އެހާމެ އެކުވެރި ހަސަން ސޯބިރަކީ އަޅުގަނޑު ބޮޑުވަމުން އައި އިރު، އިރުޝާދާއި ލަފާ ދެއްވި ބޭފުޅެއް،" އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.
ސޯބިރުގެ މާޒީގެ ސަފުހާއެއް: މާލޭގެ ފެނުގެ ހިދުމަތުގެ އެއް ބާނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ