މުއުތަސިމަށް ގަނޑުކޮށް އެއްފަހަރާ ދެނީ 159،000ރ. އަދި މަހަކު ގާތްގަނޑަކަށް 32،000ރ.

އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން މިއަދު ރިޓަޔާކުރެއްވި އިރު އެ މަނިކުފާނަށް އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނެ އަދަދުތައް އެނގިއްޖެ އެވެ.
ވީކިހިނެއް؟ - ފަނޑިޔާރު ކަމުގައި ހިދުމަތް ކުރެއްވި މުއްދަތުގެ އިތުރުން، މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމަނައިގެން ބޮޑު އެލަވަންސް ޕެކޭޖެއް ދިނުމަށް ކުރިން މަސައްކަތް ކުރި އެވެ. އެ ގޮތުން:
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވި ނަމަވެސް މާލިއްޔަތު ކޮމިޓީން ނިންމީ ޕޭ ކޮމިޝަނުން ގޮތެއް ނިންމުމަށް
އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ލަފައާ އެކު ޕޭ ކޮމިޝަނުން ނިންމީ މިހާރު ވެސް ގަވާއިދުގައިވާ ގޮތަށް އެލަވަންސް ދިނުމަށް
ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މުއުތަސިމްއަށް ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި ދޭނީ:
އެއްފަހަރާ ގަނޑުކޮށް 159،375ރ.
ކޮންމެ މަހަކު ލިވިން އެލަވަންސަަކަށް 20،000ރ. އަދި އަސާސީ ޕެންޝަނަކަށް 11،953ރ.
ކޮންމެ މަހަކު ޖުމުލަ 31،953ރ.
އެނގުން މުހިންމު - ޖޭއެސްސީން މަޖިލީހަށް ފޮނުވި ހުށަހެޅުމުގައި އެދިފައިވަނީ:
ދަތުރުފަތުރުގެ އެލަވަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ދިނުމަށް
ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް؛ އެއީ 493،600ރ.
މުއުތަސިމަށް އެހާ ބޮޑު އެލަވަންސް ޕެކޭޖެއް ދިނުމަށް އުޅުމުން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.
ގުޅުން ހުރި - މިއަދުން ފެށިގެން މުއުތަސިމް ރިޓަޔާކުރައްވާފައިވާތީ، އުއްތަމަ ފަނޑިޔާރަކު އައްޔަންކުރެވެން ދެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދަށް ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ