މާމެންދޫ އައިސް ޕްލާންޓު މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާކޮށްފި މާމެންދޫ އައިސް ޕްލާންޓު މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާކޮށްފި

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސް ޕާލާންޓެއް ފެނަކައަށް ގަތުމުގައި އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖައިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލައިގައި ސައީދާއި، ފެނަކައިގެ ކުރީގެ އެކައުންޓަންޓު މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާ ކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވީ މިދިޔަ އޭޕްރީލް 23، ގަ އެވެ. ޕީޖީ އޮފީހުން ވަނީ ޖެހިގެން އައި މެއި މަސް ނުނިމެނީސް ސައިދާށް ދައުވާކޮށްފަ އެވެ.
މި މައްސަލައިގައި ސައިދާށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، މި އައިސް ޕްލާންޓު ގަތުމަށް ފެނަކައިގެ ބޯޑުން ނިންމީ ގެއްލުންވާނެ ޕްރޮޖެކްޓެއްކަން އެނގިހުރެ ކަމަށެވެ. އެއީ ސައީދު ބޯޑަށް ދޮގު މައުލޫމާތު ދީގެން ހިންގި މުއާމަލާތެއް ކަމަށް އޭސީސީން ބުނެފައި ވެ އެވެ.
ސައީދު ބޯޑަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކުރަނީ، ފިޝަރީޒް މިނިސްޓްރީގެ ޕްރޮޖެކްޓެއްގެ ދަށުން މާމެންދޫގައި ފެނަކައާ ހަވާލުކޮށްގެން އައިސްޕްލާންޓެއް އަޅަން އުޅޭކަން އެނގިހުރެ، އައިސް ޕްލާންޓު ގަތުމުގެ މުއާމަލާތް ހިންގުމާ ގުޅިގެންނެވެ.
"ލ. މާމެންދޫގައި ފިޝަރީޒް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، އަހުމަދު ސާއީދު މުހައްމަދު ވަނީ ބޯޑު މެންބަރުންނަށް ދޮގު މައުލޫމާތުތަކެއް ދީފައި،" އޭސީސީން ބުންޏެވެ.
ފެނަކައަށް މި އައިސް ޕްލާންޓު ގަތީ 11.2 މިލިއަން ރުފިޔާއަށެވެ. މިއީ އައިސްޕްލާންޓަކަށް އާދަޔާ ހިލާފު ބޮޑު އަގެއް ކަމަށް އޭސީސީން ބުންޏެވެ. މި އައިސް ޕްލާންޓުގެ ވެލުއޭޝަން ހެދީ ދެން މި މައްސަލައިގައި ހިމެނޭ އެކައުންޓަންޓު މަސްއޫދެވެ. ސައީދު ވަނީ މި އަގުގައި އައިސްޕްލާންޓު ގަންނަން އެ ކުންފުންޏާ ސޮއިކޮށްފަ އެވެ.
އޭސީސީން ވަނީ އެހެން މައްސަލަތަކެއްގައި ވެސް ސައީދަށް ދައުވާކުރަން ފޮނުވާފަ އެވެ. އަދި އޭނާއާ ގުޅޭ ބޮޑު ހަ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެ އެވެ. މި ތުހުމަތުތައް ކުރެވުނަސް ސައީދު ވަނީ ހިޔާނާތުގެ އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ