ފަތުރުވެރިކަން ކުރިއަރުވާއިރު މޫސުމީ އަދި ޞިއްޙީ ކާރިސާތަކުން އަރައިގަނެވޭ ގޮތަށް އިސްކަންދޭނަން: ވަޒީރު

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރާއިރު މޫސުމީ ބަދަލުތަކާއި، ޞިއްޙީގޮތުން ކުރިމަތިވާ ކާރިސާތަކަށް އިސްކަންދީ އެކަންކަމުން އަރައިގަތުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޔޫއެންގެ ހައިލެވެލް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް ވިދާޅުވީ، ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމާ ދިމާއަށްކަމަށެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ސިނާޢަތެއްކަން ފާހަގަކުރައްވައި، ޖީޑީޕީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާޢަތުންކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ލަޤަބް ރާއްޖެއިން ޖެހިޖެހިގެން 4 އަހަރު ހޯދާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒު ހުރީ އާންމު ރައްޔިތުންނާއި، މުވައްޒަފުންނާއި އަދި ވިޔަފާރިތަކަށް ފަތުރުވެރިކަމުން އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށްކަމަށެވެ.
މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި އަދި ޞިއްޙީގޮތުން ދިމާވާ އެކިއެކި ކާރިސާތަކުން އަވަހަށް އަރައިގަނެވި ފަތުރުވެރިކަމަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.
ފަތުރުވެރިކަން ކުރިއަރުވައި ކުރިއަށްގެންދިއުމަށް ކުދި ޖަޒީރާ ޤައުމުތަކުން އެއް ބަޔަކު އަނެއްބަޔަކަށް މައުލޫމާތު ހިއްސާކޮށް ކުރިއަށްދިއުމުގެ މުހިންމު ކަމުގެ މައްޗަށް ވަޒީރުގެ ވާހަކައިގައިވަނީ އަލިއަޅުއްވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ