ކުރިއަށް އޮތް ފިތުރު އީދު ދުވަސް ކަމަށް ވަރަށް ބޮޑަށް ޔަގީންވެފައިވާ ބުދަ ދުވަހު، އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅުވި ނަމަވެސް އެހެން ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަންނަ ބުދަ ދުވަހު އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅު ނަމަވެސް މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. މެޓް އޮފީހުން މިގޮތަށް ބުނެފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ކުލަ ގަދަކޮށް އީދު ފާހަގަ ކުރަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.
އަދި އިއްޔެއާ ޖެހެންދެން މާލެ ސަރަހައްދުގެ މޫސުން ރަނގަޅުވެފައި އޮތުމަށް ފަހުގައި ރެއިން ފެށިގެން މާލެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވިއެވެ. އަދި ހެނދުނު ކުރި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެން ބޮޑު ވެސް ވިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދެމުން އަންނާތީ ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ. އެގޮތުން މާދަމާ ވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި އޮފިޝަލް ވިދާޅުވިއެވެ.
ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިއަދު ހަވީރު ވައިޓް އެލާޓް ވެސް ނެރުނެވެ.
އުތުރަށް މޫސުން ރަނގަޅު ވާނެ، އެހެން ހިސާބުތަކަށް ފެން އީދެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ