އަމާޒަކީ ދުނިޔޭގެ އެއްވަނަ ހޯދުން: ރައުޝަން

މި އަހަރު ބައިނަލްއުގަވާމީ ދެ މުބާރާތަކާ ކުރިމަތިލާއިރު ރާއްޖޭގެ އަމާޒަކީ ދުނިޔޭގެ އެއްވަނަ ހޯދުން ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝަން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ސްޕޯޓްސް ބަޒް" ޕްރޮގުރާމުގައި ވާހަދައްކަވަމުން ރައުޝަން ވިދާޅުވީ ކެރަމްއަކީ އެންމެ ގިނަ ލޯކަލް މުބާރާތްތައް ބާއްވާ އެސޯސިއޭޝަން ކަމަށާއި، މި އަހަރު ބާއްވާ ހުރިހާ ލޯކަލް މުބާރަތްތަށްވެސް ބޭއްވިގެންދާނީ ބައިނަލްއުގަވީ މުބާރާތްތަކަށް ފޯކަސްކޮށްގެން ކަމަށެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތައް ދިވެހި ފަސްގަނޑުގައި ބޭއްވިގެންދިޔުމަކީ ކުޅުންތެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަން ރައުޝަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މުބާރާތަށް ތައްޔާރުވަމުން އަންނަ ކުޅުންތެރިން ތިބީ ވަރަށް އިތުބާރާއި، ޔަގީންކަމާއެކު ކަމަށް ރައުޝަން ވަނީ ވިދާޅުވެފައެވެ.
ރައުޝަން ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ގައުމީ ޓީމު މުބާރާތްތަކުގައި ވާދަކުރިއިރު، އާންމުންނަށް ކުޅުންތެރިންގެ ޕާފޯމަންސް ފެނިފައި ހުރީ މަދުން ކަމަށެވެ. އެހެންކަމުން މި މުބާރާތް މާލޭގައި ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ރައްޔިތުންނަށް އަދި އަރަމުން އަންނަ ކެރަމް ކުޅުންތެރިން ބައިނަލްއަގުވާމީ ފެންވަރުގައި ކެރަމް އޮތް ހިސާބު ދައްކައިދިނުން ކަމަށްވެސް ވިދާޅުވިއެވެ.
ރައުޝަން ވިދާޅުވީ ބޭރު ގައުމުތަކުގައި ބާއްވާ މުބާރާތްތަކުގައި އޮފިޝަލުންނަށް ލިބިގެންދަނީ މަދު ޖާގަތަކެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި މުބާރާތް ބޭއްވުމުން، ގާބިލު ހުރިހާ އެންމެންނަށްވެސް ފުރުސަތު ލިބގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މުބާރާތް ބޭއްވުމަކީ ކުޅުންތެރިންނާއި، ކެރަމްގެ އާއިލާއަށް ލިބެގެންދާ ބޮޑު ފައިދާއެއް ކަމަށްވެސް ރައުޝަން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ