އޭޕްރިލް މަހުގެ ފެން ބިލުން ޑިސްކައުންޓު ދޭނެ ގޮތް އެމްޑަބްލިއުއެސްސީން ހާމަކޮށްފި

އޭޕްރިލް މަހުގެ ފެން ބިލުން ޑިސްކައުންޓު ދިނުމަށް ސަރުކާރުން ނިންމެވި ނިންމުމާއި އެއްގޮތަށް ޑިސްކައުންޓް ދޭނެ ގޮތް އެމްޑަބްލިއުއެސްސީން ހާމަކޮށްފިއެވެ. 
އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ، ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމާ ގުޅިގެން، ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައިވާނީ ރަމަޟާންމަހުގެތެރޭގައި 11 މާޗުން ފެށިގެން 11 އެޕްރީލްގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށް ކަމަށެވެ.
އަދި އެ މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދީފައިވާ ކަމަށާ އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލު ކުރެވިފައިވާ މިންވަރުގެ 24.5 އިންސައްތަ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. 
ނަމަވެސް މި ބިލުތަކުގައި ރޯދަ މަހު ބޭނުން ކުރެވުނު ފެނާއި ކަރަންޓު ހިމެނިފައި ވަނީ އެކި މިންވަރަށް ކަމަށްވުމާއެކު ރޯދަ މަހުގެ ތެރޭގައި ފޮނުވި ބިލްތަކުގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ބޭނުންކުރި ފެނާއި ކަރަންޓުގެ އަގަށް ވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވާތީ މިދިޔަ މަހުގެ ބިލްތަކަށް ޑިސްކައުންޓް ދޭނެ ކަމަށް އެމްޑަބްލުއުއެސްސީން ބުންޏެވެ.
އެގޮތުން އޭޕްރީލް މަހުގެ ބިލް ޑިސްކައުންޓު ހިމަނައިގެން ފޮނުވި މާޗް މަހުގެ ބިލަށް ވުރެ ބޮޑުވާ ނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށް ދޭން ނިންމައިފައިވާކަމަށާ އެ އުނިކޮށްދެވޭ މިންވަރަކީ މިދޔަ މަހުގެ ބިލްގެ 10 އިންސައްތައަށް ވުރެ ކުޑަމިންވަރެއް ނަމަ، 10 އިންސައްތައާ އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށް ދޭން ނިންމާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. 
އަދި އޭޕްރީލް މަހުގެ ބިލް މާޗް މަހުގެ ބިލަށް ވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭނެ ކަމަށާއި އަލަށް ފެން އަދި ކަރަންޓް ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ އޭޕްރީލް މަހުގެ ބިލް ނަމަ އެފަދަ ފަރާތްތަކަށް ވެސް އޭޕްރީލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެމްޑަބްލިއުއެސްސީން ވަނީ އެޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ދެވޭ އަދަދާއި މިހާތަނަށް އޭޕްރީލް މަހުގެ ބިލް ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްލާޙު ކުރުމުން އަދަދުތަކަށް އަންނަ ބަދަލުތަކާއި، ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު ކަސްޓަމަރަށް ކްރެޑިޓް ކުރެވޭ ހާލަތުގައި އެމަޢުލޫމާތު ވެސް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށް ވެސް ހިއްސާކުރާނެ ކަމަށް ބުނެފައެވެ.
ކަރަންޓުބިލާއި ފެންބިލަށް އިތުރަށް މިލިބިދެވުނު ލުޔާއެކު ލަސްނުކޮށް ބިލްތައް ދެއްކެމަށް އެމްޑަބްލިއުއެސްސީން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ