ކައުންސިލް އިންތިޚާބު ދެ މަހަށް ލަސްކުރަން ހުށަހެޅި މައްސަލައަށް މައުމޫން ތަދައްޚުލް ވެއްޖެ

އަންނަ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ދެ މަހަށް ފަސްކުރަން ޕީޕީއެމް އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތަދައްޚުލް ވެއްޖެއެވެ. މައުމޫންގެ ފަރާތުން އެ މައްސަލައަށް ތަދައްޚުލްވުމަށް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ވަކި މުއްދަތެއްގެ ކުރިން އިންތިޚާބު ބޭއްވުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާއިރު، އެ މުއްދަތުގައި އިންތިޚާބު ނުބޭއްވުމަކީ ވޯޓުލާ މީހުންނާއި ކެންޑިޑޭޓުންގެ އަސާސީ ހައްގު ގެއްލޭނެ ކަމެއް ކަމަށް ބުނެފައިވެއެވެ. ސިޔާސީ ޕާޓީތަކުގެ ފަރާތުންނާއި އަމިއްލަގޮތުން ކުރިމަތިލާ ކެންޑިޑޭޓުން އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވެނިމިފައި ވަނިކޮށް އިންތިޚާބު ފަސްކުރެވޭ ފަދަ ހުކުމެއް އައުމަކީ އެ ހުރިހާ ކެންޑިޑޭޓުންނަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް ވެސް މައުމޫން ވަނީ ފާހަގަކުރައްވައިފައެވެ. އެ މައްސަލައިގެ އަޑުއެހުމަކަށް މާދަމާ 10:30 އަށް މައުމޫންގެ ވަކީލު ހުސްނުއްސުއޫދަށް ވަނީ ޗިޓް ފޮނުވައިފައެވެ. މާދަމާ އޮންނާނީ އެ މައްސަލައިގެ ބަޔާންތައް ބަދަލުކުރުމެވެ. އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެ މައްސަލައަށް ތަދައްޚުލްވެފައެވެ. ޕީޕީއެމް އިން ކުރި ދައުވާގައި ބުނެފައި ވަނީ ޕީޕީއެމް އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އިރު، ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން މިހާރު އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ މުއްދަތަށް ތައްޔާރުވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. ޕާޓީގެ ޑޭޓާބޭސް އާއި ޕާޓީގެ އާންމު މެމްބަރުންގެ ދަފްތަރާއި އެހެނިހެން މުހިންމު ލިޔެކިޔުންތައް ނެތް ކަމަށާއި މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި އިންތިޚާބު ބާއްވައިފި ނަމަ ޕީޕީއެމް އަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނީ އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ބާއްވައި ކައުންސިލަރުން ހުވާކުރުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނު ލާޒިމް ކުރާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ