ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އަުމަރު ނަސީރު ރަސްމީކޮށް ހުށަހަޅުއްވައިފި އެވެ. އޭނާ މިއަދު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން ވެސް އިއުލާން ކުރައްވާފަ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އުމަރު އެކަމުގެ ރަސްމީ ސިޓީއެއް ޕީޕީއެމަށް ފޮނުވައި އެ ސިޓީ ޓްވިޓާގައި އާންމު ކުރެއްވި އިރު ޕީޕީއެމްގެ ޕްރައިމަރީއެއް ބާއްވާނެ ކަން ކަން ވެސް އަދި ނުބާއްވާނެ ކަން ވެސް ނިންމާފައެއް ނުވެއެވެ. އަދި ބާއްވާނަ ނަމަ ގަވައިދު ބުނާ ތާރީހު ވެސް އަދި ނާދެ އެވެ.
އުމަރު ފޮނުއްވެވި ސިޓީގައި ބުނަނީ ޕީޕީއެމްގެ އަސާސީ ގަވައިދުގެ 68 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަ ކުރާ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އަސާސީ ގަވައިދުގެ 69 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެ މަތިން އެ ޝައުގުވެރިކަން ފާޅު ކުރާ ކަމަށެވެ.
އުމަރު މި ޝައުގުވެރިކަން ފާޅު ކުރައްވާ ސިޓީ ފޮނުއްވެވި އިރު ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ. އަދި އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީޚުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށެެވެ.
ހަމަ އެ ގަވައިދުގައި ދެވަނަ އުސޫލެއް ވެސް ވެއެވެ. އެއީ ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ ކަމަށެވެ. މީގެ އިތުރުން ތިންވަނަ އުސޫލެއް ވެސް ކަނޑައަޅާފައި އޮވެއެވެ. އެއީ ޕާޓީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާކަން އަދާކުރައްވާ ބޭފުޅާއާ، ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދިއުމެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޕާޓީގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެ ޕާޓީގެ ތެރޭގައި ބޮޑެތި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅުގައި އުމަރު ގެންދަވަނީ ރައީސް މައުމޫނަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ރައީސް މައުމޫނު ގެންދަވަނީ އުމަރަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޕްރައިމަރީގައި ވާދަ ކުރަން އުމަރު ސިޓީ ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ