އަމިއްލަ އެދުމާއި އެކު ފައްޔާޒަށް ތާއީދު ކުރާ މެމްބަރެއް ނުހުންނާނެ: އަހުމަދު އަބްދުﷲ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާ ބޭފުޅުން އެ ތާއީދު އެކުރައްވަނީ އަމިއްލަ މަންފާއަކަށްކަމުގައި ދެން މި މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދު ކުރާ ފަރާތްތަކުން ބުނާ ބުނުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ދޮގޮ ކޮށްފި އެވެ.
މޭ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރޭގައި ވަނީ ދެފެކްޝަނެއް އުފެދި މަސްލަހަތު ގެއްލިފައެވެ. އެއް މެންބަރަކު އެނެއް މެންބަރަކަށް އިދިކޮޅަށް ގޮވާ ތަފާތު ގިނަ ތުހުމަތުތައް ކުރައްވާ އަތްއުކާ މަންޒަރު އާންމުނަށްވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިންވެސް ފެނިގެން ގޮސްފައެވެ. މި ދަނޑިވަޅުގައި އެންމެ ބޮޑަށް ބަހުސް ކުރުމުގައި ބޭނުންކޮށް އުޅެނީ ޕާޓީ އިސްލާހު ކުރާ ވާހަކައިގެ އިތުރުން ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރުމަށް ޕާޓީގެ އެތެރެއިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ތުހުމަތުތަކެވެ. އަދި އެމްޑީޕީގެ އުސޫލުތަކާއި ހިލާފުވެ، ޕާޓީ ދަނީ މުޅިން އެހެން މަގަކުންކަމަށް ބުނެ ބަސްތައް ދަނީ ބަދަލު ކުރަމުންނެވެ.
މީގެ އިތުރުން ދެ ކެމްޕެއިން ޓީމްގެ ތެރޭގައި ވާދަވެރިކަން އުފައްދާ ހަމަ ޖެހުން ނަގާލުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވެމުން އަންނަކަމުގައިވެސް ފާހަގަ ކޮށްލެވެއެވެ. އެގޮތުން ފައްޔާޒަށް ތާއީދު ކުރައްވާ މެންބަރުންނަކީ އަމިއްލަ މަަންފާއަށް މަސައްކަތް ކުރާ ބަޔަކު ކަމުގައިވާދަވެރި އިންތިގެ ކެމްޕެއިން ޓީމުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ސަނގު ޓީވީގެ ”ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިވާހަކަ ދޮގުކޮށް އަހްމަދު ވިދާޅުވީ މިގޮތަށް ތުހުމަތު އަޅުވަނީީ ނަމަ ކޮންމެ މީހެއްގެ ބޮލުގައިވެސް އަޅުވާލެވޭނެކަމުގައެވެ.
ނަމަވެސް އޭނާ ވިދާޅުވީ އޭގައި އެއްވެސް އަސްލެއް ނެތް ހަގީގަތެއް އެކުލެވިގެން ނުވާ ބައިވަރު އެކަހަލަ ތުހުމަތުގައި އަޅުންވަމުން ގެންދާތީ އެބޭފުޅުންގެ ތެރޭގައި އިހްތިރާމާއި ކުރާ ގަދަރަށް ބުރޫ އަރާތީ ކަންބޮޑުވާކަމުގައެވެ. އިތުރަށް އަހްމަދު ފާހަގަކުރެއްވީ ވަކި މީހަކަށް ތާއީދުކުރުމަކީ މީހެއްގެ ބޮލުގައި ތުހުމަތުތަކެއް އަޅުވަން ޖެހޭ ސަބަބެއްކަމުގައި ގަބޫލު ނުކުރައްވާ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އެޔަށްވުރެ މާ ސާފު ކެމްޕެއިންތައް އެބޭފުުންނަށް ކުރެއްވޭނެ ކަމުގައެވެ.
އަހްމަދު ވިދާޅުވީ ޕާޓީގެ 94،000 މެންބަރުންގެ އެއްގޮތަކަށް އެއް ހިޔާލަކަށް ތާއީދު ކުރައްވާންކަމުގައެވެ. އަދި އެކަކަށް 100% ތާއީދު ނުލިބޭނެކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީގެ ކޮންމެ މެންބަރަކަށް އެ މެންބަރަކު ތާއީދު ކުރައްވާ ފަރާތަކަށް މިނިވަންކަމާއިއެކު ތާއީދު ކުރުމުގެ ފުރުސަތު އޮންނާނެކަމުގައިވެސް އަހްމަދު ފާހަގަ ކުރެއްވިއެވެ. އެއީ ވަކި މީހެއްގެ ރުހުމާއި ނުލައިވެސް ކުރެވޭނެ ކަމެއްކަމަށާއި މިކަމުގެ ސަބަބުން ޕާޓީގައި އެކަން އެގޮތަށް ކުރައްވާ މެންބަރަކު ވަކި ގޮތަކަށް ލޭބަލް ނުކުރެވޭނެކަމުގައި އަހްމަދު ވިދާޅުވިއެވެ. އަދި މިއީ އެމްޑީޕީ އުފެދުނު އަސާސްކަމުގައި އޭނާ ހާމަކުރެއްވިއެވެ.
އެބޭފުޅުންނަށްވެސް މިގޮތަށް ލޭބަލްކުރުމުގެ ފުރުސަތު އެބައޮތްކަމުގައި ވިދާޅުވަމުން އަހްމަދު ފާހަގަ ކުރެއްވީ އެބޭފުޅުން އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އެއީ އެއްބަޔެއްކަމަށާއި އެކުގައި މަސައްކަތް ކުރަންޖެހޭނެކަމެވެ. ދެކޮޅުގައިވެސް ތިބީ ސަރުކާރު ހިންގަން ތިބި މީހުންކަމުގައި ވީއިރު އެބަޔަކު އެނެއް ބަޔަކަށް ދެން ގާތްނުވެވޭ ވަރަށް ކަންތައްތައް ނުގެންދެވުމަށް އޭނާ އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ