އަމީނީ މަގުން ގަސް ނަގާ މައްސަލަ ރައީސް ނަޝީދު ކޯޓަށް ހުށަހަޅުއްވަނީ

މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެމަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި އެމައްސަލަ ކޯޓަށް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
އަމީނީ މަގުގެ ގަސްތައް ނެގުން ހުއްޓުވައިދިނުން އެދި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެމައްސަލަ މާދަމާ ކޯޓަށް ހުށަހަޅަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ އެމައްސަލައިގައި އެމަނިކުފާނު ތަމްސީލްކުރާ ލޯ ފަރމް ޝުނާނާ އެންޑް ކޯއިން ނެވެ.
އެ ލޯ ފަރމްއިން ހާމަކުރި ގޮތުގައި އަމީނީ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓުވުމުގެ އަމުރަކަށް އެދިވަޑައިގަތުމަށް ރައީސް ނަޝީދު ނިންމަވައި އެމައްސަލަ ކޯޓަށް ހުށަހަޅުއްވަނީ އެފަދައިން ގަސްތައް ނެގުމުން ތިމާވެއްޓަށް އިއާދަނުކުރެވޭ މިންވަރުގެ ބޮޑު ގެއްލުމެއް ލިބޭނެތީއެވެ.
މައްސަލަ ކުރިއަށްދާއިރު، މައްސަލާގައި ވަކި ގޮތެއް ނިމެންދެން އެސައްކަތް ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް އެދެން ނިންމާފައިވާކަމަށް އެލޯ ފަރމްއިން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުންވެސް ސޯޝަލް މީޑިއާގައި އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރައީސް ނަޝީދު ވަނީ އަމީނީ މަގުގެ ގަސްތައް ކަނޑައިގެން މަޝްރޫއު ކުރިއަށް ގެންދާ ނަމަ ފަރުދީ ހައިސިއްޔަތުން އެ މައްސަލަ ޝަރީއަތަށް ގެންދަވާނެ ކަމަށް މީގެކުރިންވެސް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ގަހެއް ހެދުމަށް 15 ނޫނީ 20 އަހަރު ނަގާ ކަމަށާއި ނަމަވެސް މަގެއް ހެދުމަށް ނަގަނީ ދެތިން މަސް ކަމަށާއި، އެހެންކަމުން ގަސްތައް ނުނަގައި މަގު ހެދޭނެ ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެއް ކަމަށާއި، އެ ކަމަށް މާލޭގެ ގުދުރަތީ ވެށި ނުގެއްލޭނެ ގޮތަށް ކަންކަން ރާވަން ޖެހޭ ކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ މިމައްސަލަ މަޖިލީހަށްވެސް ހުށަހަޅުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ