އެއް މެގަވޮޓްގެ ޖަނަރޭޓަރަކާ އެކު އުތީމުގައި ހެދި ބޮޑު އިންޖީނުގެ ރައީސް ހުޅުއްވައި ދެއްވައިފި

ހއ. އުތީމުގައި މި ސަރުކާރުން ހެދި އާ އިންޖީނުގެއާއި އޮފީސް އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވައިފި އެވެ.
އުތީމުގައި ކުރިން ހުރި އިންޖީނުގެއަކީ 24 އަހަރުވީ އިންޖީނުގެއެކެވެ. 130 އަކަ މީޓަރުގެ އެތަނުގައި ކުރިން ހުރީ 700 ކިލޮވޮޓްގެ ޖަނަރޭޓަރެކެވެ.
ނަމަވެސް ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ތެރޭގައި ހުރި އިންޖީނުގެތައް ނިއްވާލައި, ދުރަށް ބަދަލުކުރުމަށް މި ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އުތީމުގައި ހެދި އާ އިންޖީނުގެއަކީ ގާތްގަނޑަކަށް 500 އަކަފޫޓު ބިމެއްގައި ހަދާފައިވާ ޒަމާނީ އިންޖީނުގެއެކެވެ.
އެތަނުގައި މިވަގުތު 1000 ކިލޮވޮޓްގެ ޖަނަރޭޓަރެއް ބަހައްޓާފައިވާ އިރު, އާ އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 600 ކިލޮވޮޓްގެ ހަތަރު ޖަނަރޭޓަރު ބެހެއްޓޭ ގޮތަށެވެ.
އުތީމުގެ އާ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި ރައީސް ވިދާޅުވީ, އާ އިންޖީނުގެ ހުޅުވިގެން ދިއުމުން އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައީ ކަމަށެވެ.
އަދި ރައްޔިތުން އެދި އެދި ތިބި ހިދުމަތްތައް ދިނުމުގައި ފެނަކައިން އިހުލާސްތެރި އަދި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި އެ މަނިކުފާނާއި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ އިތުބާރު ފެނަކައިގެ ޗެއާމަނަށާއި އެމްޑީއަށް އަދި މުވައްޒަފުންނަށް އެބަ އޮތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ