ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވަން ބޭނުންފުޅުވަނީ މަދު އަދަދެއްގެ ވޯޓް ކަމަށާއި ބޮޑު ތާއީދަކާއިއެކު އެމަނިކުފާނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވަނީ ސަރުކާރުގެ ކާމިޔާބީތަކާއި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަދައްކަވާފައެވެ.
ސަލީމް ވިދާޅުވީ އޭޕްރީލް މަހު ނެގި ފެންނަ ނުފެންނަ ވޯޓްގައި ސަރުކާރަށް ލިބުނީ 30 އިންސައްތަ ވޯޓު ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެންކަމަށް ވާނަމަ ހިތަދޫ އުތުރު ދާއިރާގެ ނަތީޖާއަށް ބަލާއިރު، ސަރުކާރަށް 48 އިންސައްތައަށް ވުރެ މަތިން ވޯޓު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. "އިތުރަށް ދެ ޕަސެންޓް ހޯދައިގެން އަޅުގަނޑުމެން 2028 ކާމިޔާބު ކުރާނަން،" ސަލީމް ވިދާޅުވިއެވެ. އަދި ބައެއް ދާއިރާތަކުން ކައުންސިލް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވީ އެންމެ 6 ނުވަތަ 10 ވޯޓުގެ ތަފާތުން ކަމަށާއި، އެއީ މަސައްކަތް ކޮށްފިނަމަ ހޯދޭނެ އަދަދުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގައިވެސް އިންނަވާ ސަލީމް ވަނީ ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން 60 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ސަރުކާރު ހަވާލުވިއިރު ދަރަނި ހުރީ 126 ބިލިއަންގައި ކަމަށާއި، މިހާތަނަށް ދަރަނި ހުރީ 150 ބިލިއަނުގައި ކަމަށްވުމުން، މި ސަރުކާރުން އިތުރުވީ އެންމެ 24 ބިލިއަން ރުފިޔާ ކަމަށް އޭނާ ތަފްސީލުކޮށްދެއްވިއެވެ.
ރާއްޖޭގެ ތާރީޚީ ދަރަންޏަށް އަލިއަޅުއްވާލައްވަމުން ސަލީމް ވިދާޅުވީ، ރައީސް މައުމޫނުގެ 30 އަހަރުގެ ދައުރު ނިމުނުއިރު ދަރަނި ހުރީ އެންމެ 5.1 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އައި ސަރުކާރުތަކުން ދަރަނި 126 ބިލިއަނަށް އުފުލާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ދަރަނި އުފައްދާ މީހުން އެ މީހާ އުފައްދާ ދަރަނި ދައްކާ ނަމަ، ދައުލަތުގެ ދަރަނި ބޮޑުވެގެނެއް ނުދާނެ،" ސަލީމް ވިދާޅުވިއެވެ.
ސަރުކާރުން ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ހުރިހާ ސަރުކާރަކުން ހިއްކާފައިވާ ބިމަށްވުރެ ބޮޑު ބިމެއް މި ސަރުކާރުން މިހާރުވެސް ހިއްކާފައިވާ ކަމަށެވެ. އަދި އޭދަފުށި ފަދަ ރަށްރަށުގައި ބަނދަރުގެ މަސައްކަތާއި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައް ބާރުމިނުގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަސޭހައިން 2028 ރައީސް މުއިއްޒު ކާމިޔާބު ކުރައްވާނެ - ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ