އެއްވެސް ބަދަލަކާ ނުލައި އަމިއްލަ އިސްނެގުމާއެކު ލޭ ހަދިޔާކުރާ ފަރާތްތަކަށް ރައީސްގެ ޝުކުރު

އެއްވެސް ބަދަލަކާ ނުލައި އަމިއްލަ އިސްނެގުމާއެކު ލޭ ހަދިޔާކުރާ ފަރާތްތަކުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތި އަމަލަކީ އުމުރުދުވަހަށް ބަލިތަހައްމަލުކުރާ ފަރާތްތަކާއި، ކުއްލި ފަރުވާ ބޭނުންވާ ބަލިމީހުންނަށް އެންމެ ބޭނުންޖެހޭ ވަގުތު ފުރާނަ ސަލާމަތްކުރުމަށް ފޯރުކޮށްދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.
ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ކިތަންމެ ބޮޑަށް ކުރިއަރާފައިވީ ނަމަވެސް، ލެޔަކީ އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރެވޭނެ ވަސީލަތެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ސިއްހީ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމުގެ އިތުރުން ގައުމީ ފެންވަރުގައި ކުރިމަތިވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަށްޓަކައި، ހިލޭސާބަހަށް ލޭ ހަދިޔާކުރުމުގެ އާދަ އަށަގެންނެވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ ފަދަ ރަށްތައް ވަކިވަކިން އުފެދިފައިވާ ޖަޒީރާ ގައުމެއްގައި، ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ވަރަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެކެވެ.
މީގެ އިތުރުން، ލޭ ހަދިޔާކުރުމަށް މީހުން ހޭލުންތެރިކުރުވައި، އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކޮށް، އެންމެންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ