ލީވާންއާއި ޝަހުޒާންގެ މައްޗަށް ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރަން ހައިކޯޓުގައި އެދިއްޖެ

ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް، ނޫސްވެރިޔާ ލީވާން އަލީ ނާސިރު އަދި މުހައްމަދު ޝަހުޒާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިއްޖެ އެވެ. މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ އިސްނެގުމަށް ބަލާފައިވާ، ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ މައްސަލައެއް ކަމަށް ބުނެ ނިންމާފައިވާ މައްސަލައެކެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ލީވާންގެ މައްޗަށް އިއްވާފައިވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭގެ ތެރެއިން 10 ދުވަހު ޖަލުގައި ބަންދުކުރުމަށްފަހު، ބާކީ ބައި ޖޫރިމަނާއަށް ބަދަލުކޮށް، ޖުމްލަ 26،800 ރުފިޔާ 20 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ. މި ހުކުމް އިއްވާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުންނެވެ.
ޝަހުޒާންއަށް ހަތަރު މަހާއި ސައުވީސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރުމަށްފަހު އޭގެ ތެރެއިން ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 15 ދުވަސް ކަމަށް ކަނޑައަޅައި، ހުކުމުގެ ބާކީބައި ބަދަލުކުރީ ޖޫރިމަނާއަށެވެ. އެހެންކަމުން ޝަހުޒާން ދައްކަންޖެހޭ ޖޫރިމަނާގެ އަދަދަކީ 25،800 ރުފިޔާ އެވެ. މިފައިސާ 20 ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް ހުކުމުގައި އަމުރުކޮށްފައި ވެ އެވެ.
ހައިކޯޓަށް ހުށަހެޅި ފޯމުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ މި ނިންމުމަކީ އިންސާފުގެ ހަމަތަކާ ދުރު، އަދި އިޖުރާއަތްތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ހާއްސަކޮށް، ޖިނާއީ ތަހުގީގެއް ހިންގުމެއް ނެތި އަދި ކުށުގެ ތުހުމަތުގައިވާ މީހާއަށް ލިބިދޭންޖެހޭ އަސާސީ ހައްގުތަކުން މަހްރޫމްކޮށް، ކޯޓުން ބޭރުގައި ހިނގި ކަމެއްގައި ޖަލު ހުކުމެއް އިއްވުމަކީ ގާނޫނުއަސާސީގެ 45 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ފާހަގަކޮށްފައި ވެ އެވެ.
މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 201-1 ވަނަ މާއްދާގެ ދަށުން، އިސްތިއުނާފީ މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ލީވާންއާއި ޝަހުޒާން މިނިވަންކޮށްދިނުމަށްވެސް ވަނީ އެދިފަ އެވެ. އިސްތިއުނާފު ފޯމުގައި ބުނެފައިވަނީ އޭނާ ހުށަހަޅާފައިވާ އިސްތިއުނާފަކީ، ގާނޫނީ ގޮތުން ބަލާއިރު ކާމިޔާބުވުމުގެ ފުރުސަތު ބޮޑު މައްސަލައެއް ކަމަށާއި، އޭނާ ބަންދުގައި ބަހައްޓައިގެން ހާސިލުވާނެ އާންމު މަސްލަހަތެއް ނެތް ކަމަށެވެ. ލީވާން އާއި ޝަހުޒާންއަކީ ނޫސްވެރިންކަމަށް ވެފައި، އެމީހުން ޖަލަށްލާފައިވަނީ ވަޒީފާގެ ޒިންމާ އަދާކުރުމުގެ ތެރެއިން ކުރި ކަމަކާ ގުޅިގެން ކަމަށްވެސް ފާހަގަކޮށްފައި ވެ އެވެ.
ހުކުމް ތަންފީޒުކުރުން ފަސްކޮށްނުދީފިނަމަ ލިބޭނެ ގެއްލުންތަކުގެ ތަފްސީލު ދެމުން ބުނެފައިވަނީ، މިނިވަންކަމަކީ އަގުނުކުރެވޭނެ އެއްޗެއް ކަމަށާއި، ބަންދުގައި ހުންނަ ކޮންމެ ދުވަހަކީ އެ ދެ ނޫސްވެރިންގެ ޒާތީ ދިރިއުޅުމުގެ ހައްގާއި ނޫސްވެރިކަމުގެ ހައްގު ފަދަ އަސާސީ ހައްގުތަކުން މަހުރޫމުވާ ދުވަހެއް ކަމަށެވެ. އެހެންކަމުން، ހައިކޯޓުން މި މައްސަލަ ބަލައި ނިމެންދެން ޖަލު ހުކުމް ތަންފީޒުކުރުމާއި ޖޫރިމަނާ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ