ޔާމީންގެ މަރު: ހައި ކޯޓުން މިނިވަންވި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ހައިކޯޓުގެ ނިންމުމާއި އެކު، ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމުން މިއަދު މިނިވަންވި ދެ މީހުން އަލުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
2017 ވަނަ އަހަރު، ޔާމީން ދިރިއުޅޭ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗަކުން ހަމަލާ ދީ އޭނާ މަރާލި މައްސަލައިގައި ދައުލަތުން އިތުރު ބައެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ކުށް ސާބިތުވެފައި ނުވެ އެވެ.
މި މައްސަލައިގައި ދައުވާ އުފުލީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ ހައިޝަމްއާއި، ޒިހާންގެ މައްޗަށެވެ. އަދި ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވެ މިނިވަންވީ އެވެ. އެހެންވެ ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރިއިރު، ހައިޝަމްއާއި ޒިހާން ވެސް އެ މީހުންގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކުރި އެވެ.
އިސްތިއުނާފު މައްސަލައިގައި ހައިކޯޓުން އަމުރު ނެރުނީ ހައިޝަމްއާއި ޒިހާންގެ ޖަލު ހުކުމް ބާތިލުކޮށް އަލުން މައްސަލަ ބެލުމަށެވެ. އެއާއި އެކު ކުރިން ކުށް ސާބިތުނުވި މީހުންގެ ބައި ވެސް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިއުމަށް އަމުރު ކުރި އެވެ.
ހައިކޯޓުގެ ނިންމުމާއި އެކު، ދެ މީހުން މިނިވަން ވާނެތީ ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމެން ދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނެވެ. ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުން ނިންމެވީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ  އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ޝަރީއަތް ނިމެން ދެން ދެ މީހުން ވެސް ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރެދީފައިވާ ކަމަށެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރުގެ އޭޕްރިލް މަހު ކުރި ހުކުމުގައި ވާގޮތުގައި ޔާމީން މަރާލި ރޭ ޒިހާނާއި ހައިޝަމް އެ ސަރަހައްދުގައި އުޅުނުކަން ހެކިންގެ ހެކި ބަހުން އެނގެ އެވެ. އަދި މީހެއްގެ ހަޅޭކުގެ އަޑަށް ފަހު ޔާމީންގެ ގެއިން ދެ މީހަކު ނިކުމެހެން ދިޔަ މަންޒަރު ފެނުނު އިރު އެ ދެ މީހުންނަކީ ޒިހާނާއި ހައިޝަމްކަން އެނގޭ ހެކި އެބަހުރި ކަމަށެވެ.
މައްސަލައިން މި މީހުން ސަލާމަތްވެފައި ވަނީ އެކަށީގެންވާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާތީ، އާއި އިޖުރާއީ ބައެއް ގޯސްތަކެއްގެ ސަބަބުންނެވެ. އަދި ޝިފާޒް ޔާމީނަށް ފާރަލީކަމަށް ދައުލަތުން ބުނާއިރު، އެ ކަން ސާބިތު ކުރެވޭ މިންވަރަކަށް ހެކި ހުށަހަޅާފައި ނުވުމާއި، އެ ގަތުލުގެ ނިޔަތް އޮތްކަން ސާބިތުކޮށްދެވިފައި ނުވާތީ އެވެ. ދައުލަތުން ޝިފާޒާއި ދެކޮޅަށް އޭނާ ޔާމީނަށް ފާރަލީކަމަށް ބުނާ ފޮޓޯތަކުގެ އިތުރުން ސިއްރު ހެކިވެރިއެއްގެ ހެކިބަސް ހުށަހެޅި އެވެ.
އިސްމާއިލް ރަޝީދުގެ މައްޗަށް ދައުލަތުން އުފުލީ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއިން އޭނާ ސަލާމަތްވީ ދައުލަތުން ހުށަހެޅި ވީޑިއޯ އެނެލިސް ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީގެ އިތުރުން ފޮރެންސިކް ރިޕޯޓުގައި އެހެން މީހެއްގެ ނަން ބޭނުންކޮށްފައިވާތީ އެވެ.
ޝަރީއަތް ކޯޓުގައި ކުރިޔަށް ދިޔައިރު ދައުލަތުން ވަނީ، ބައެއް ހެކިވެރިންގެ ނަންނަތައް ލީކުވެ އެ މީހުންނަށް ބިރު ދެއްކުމާއި، އިންޒާރު ދެމުންދާތީ ހެކި ބަސް ދޭން ދެކޮޅު ހަދަމުންދާ ކަމަށް ބުނެފަ އެވެ. އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާނެކަމަށް ޕީޖީ ހުސައިން ޝަމީމް ދާދި ފަހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޔާމީންގެ މަރުގެ މައްސަލައިގައި ހިމެނޭ ސިއްރު ހެއްކެއް ކަމަށް ބުނާ މީހެއްގެ މައުލޫމާތު ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު، އެތަނުން އެއް ހެކުވެރިއެއްގެ ސިޓީއެއް ވެސް ހުކުމް ކުރުމުގެ އެއް ރޭ ކުރިން ލީކުކޮށްލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ