ޕާޓީ ދޫކޮށް ދިޔަ ސަބަބު ރައީސް ނަޝީދު ވަނީ ސާފުކޮށްދީފައި، ރަނގަޅު ގޮތަކީ ސުވާލު ތަކުރާރު ނުކުރުން: ފައްޔާޒް

އިތުރު ހިޔާލުތަފާތުވުންތަކާއި، ހަމަނުޖެހުންތައް އުފެދިދާނެތީ އެމްޑީޕީ ދޫކޮށް ދިޔައީ ކީއްވެގެންތޯއާއި އެކަން ޗެއާޕާސަންގެ އިންތިހާބަށް ފަހު ތަކުރާރުވެދާނެތޯ ރައީސް މުހައްމަދު ނަޝީދަށް ސުވާލު ތަކުރާރު ނުކުރުމަށް އެދޭކަމަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ގާތްވެފައިވާއިރު، ރައީސް ނަޝީދު ގެންދަވަނީ ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށް އަތޮޅުތަކަށް ދަތުރު ކުރައްވަމުންނެވެ. މި ދަތުރުތަކުގައި ބާއްވާ ބައްދަލުވުންތަކުގައި، ރައީސް ނަޝީދަށް އަމާޒުވާ އެއް ސުވާލަކީ އެމަނިކުފާނު އެމްޑީޕީން ވަކިވެގެން ދިއުމާއި ގުޅޭގޮތުންނެވެ. އަދި ޗެއާޕާސަން އިންތިހާބު ނާކާމިޔާބުވެއްޖެ ނަމަ، އެކަން ތަކުރާރުވެދާނެކަމާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.
މި ސުވާލުތަކާއި ގުޅިގެން ފައްޔާޒް ވިދާޅުވީ 2028 ގައި އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި އަލުން ގާއިމު ކުރަން ޖެހެނީ އަންނަން އޮތް މުސްތަގުބަލަށްޓަކައި ކަމަށެވެ. ފައްޔާޒް ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރަނީ ގައުމަށް ބޮޑު ބަދަލެއް ގެނައުމަށް ކަމަށާއި، އެ ބަދަލަކީ ރާއްޖޭގައި އަނިޔާވެރިކަން ނައްތާލައި، އަމާން މުސްތަގުބަލެއް ކަށަވަރުކޮށްދޭނެ ބަދަލެއް ކަމަށެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި، މި މަސައްކަތަކީ ހަމައެކަނި ޕާޓީގެ ކުރިއެރުމަށް ކުރާ މަސައްކަތެއް ނޫންކަމަށާއި، މިއީ އޭނާގެ އަމިއްލަ ދަރިންނާއި، ދިވެހި ހުރިހާ ދަރިންގެ މުސްތަގުބަލަށްޓަކައި ކުރާ މުހިންމު މަސައްކަތެއްގެ ގޮތުގައި ފައްޔާޒް ވިދާޅުވި ވެ.
ޕާޓީގެ އެތެރޭގެ ބައެއް ހިޔާލުތަފާތުވުންތަކާއި، އަދި ރައީސް ނަޝީދު 2023 ގައި ޕާޓީން ވަކިވުމާއި ގުޅޭގޮތުން ތަކުރާރުކޮށް އާންމު މެމްބަރުންގެ ފަރާތުން އަމާޒުވާ ސުވާލުތަކަށް ފައްޔާޒް ވިދާޅުވީ، ޕާޓީ ދޫކޮށްލާފައި ދިޔައީ ކީއްވެގެންތޯ ކުރާ ސުވާލަށް މިހާރު އެތައް ފަހަރަކު ޖަވާބު ދެވިފައިވާ ކަމަށެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ އެއް ސުވާލުތަކެއް ތަކުރާރުކޮށް ކުރަމުންދާނަމަ، އެކަމުގެ ސަބަބުން ޕާޓީގެ އެހެން އިސް ބޭފުޅުންނަށްވެސް ޖަވާބު ދެއްވަން މަޖުބޫރުވާނެ ކަމަށާއި، އޭގެ ސަބަބުން އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިވަގުތު އެންމެ މުހިންމީ ޕާޓީ އެކަތިގަނޑަކަށް ހަދައިގެން ކުރިއަށް ދިއުމެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީން ހުށަހަޅާނީ ދިވެހިރާއްޖެ ބަދަލުކުރާނެ ގޮތުގެ ތަސައްވުރު ކަމަށާއި، ޕާޓީގެ އަމާޒަކީ 2028 ގައި ވެރިކަމަށް އައިސް، އަނިޔާވެރިކަން އަނބުރާ ނާންނާނެކަން ކަށަވަރުކުރެވޭނެ ފަދަ ވަރުގަދަ ނިޒާމެއް ގާއިމުކުރުންކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ