އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 3ވަނަ ބެޗުގެ ތަމްރީނުތައް ނިންމާލައިފި

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މެރިއޮޓް އިންޓަރނޭޝަނަލްއާ ގުޅިގެން ކުރިއަށްގެންދިޔަ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތިންވަނަ ބެޗުގެ ތަމްރީނުތައް ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ޒުވާނުންނަށް ބޭނުންވާ ޢަމަލީ ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މިފަހަރުގެ ކޮހޯޓްގައި ޖުމްލަ 73 ޒުވާނުން ބައިވެރިވެ، ތަމްރީނުތައް ފުރިހަމަކޮށްފައިވެއެވެ. އަދި ޝެރަޓަން މޯލްޑިވްސްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޕްރޮގްރާމް ނިންމި ބައިވެރިންނަށް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. މި ލިޔުންތައް ބައިވެރިންނާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލުއެވެ.
މި ރަސްމިއްޔާތަަށްފަހު ޕީއެސްއެެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލު ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުން ކުރިއަރަން ބޭނުންވާ ދާއިރާތަކުން އަސާސީ ހުނަރުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މި ޕްރޮގުރާމުން ޤައުމު ޤަބޫލުކުރާ ވަރުގެ ޒުވާނުންތަކެއް އުފެއްދި، އެ ކުދިންގެ ކުރިމަގުގެ ބިންގާ އެޅިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ޠަލާލު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށްވާއިރު، އެމީހުންނަށް މަގުކޮށައިދިނުމަކީ ވުޒާރާގެ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި މިފަދަ އެޕްރެންޓިސްޝިޕް ޕްރޮގުރާމުތަކުގެ ސަބަބުން ވަޒީފާގައި ނޫޅޭ މީހުންގެ ނިސްބަތް މަދުވެ، ހުނަރުވެރި ބަޔަކު ވަޒީފާގެ ބާޒާރަށް ނުކުންނާނެ ކަމަށެވެ. މީގެ އިތުރުން، ކޮންމެ ޒުވާނަކީވެސް ނަޒާހަތްތެރިކަމާއެކު އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މީހަކަށް ހެދުމަކީ މި ޕްރޮގްރާމުގެ މައިގަނޑު އެއް މަޤްޞަދު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު 3ވަނަ ބެޗުގެ ތަމްރީނުތައް މި ނިންމާލެވުނީ. ވަރަށް ކާމިޔާބު ޕްރޮގްރާމެއް މިއީ. މިހާތަނަށް 100އަށްވުރެ ގިނަ ދަރިވަރުން ނުވަތަ ޒުވާނުން މި ތަމްރީނު ޕްރޮގުރާމުތައް ނިންމާލިއިރު މީގެ ތެެރެއިން 71 ޒުވާނަކަށް މިހާރު މެރިއޮޓް އިންޓާނޭޝަނަލްގެ ރިސޯޓުތަކުން ވަޒީފާވެސް އެވަބޭ ލިބިފައި." ޠަލާލު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި ދަރިވަރުންނަށް ޢަމަލީ އަދި ތިއަރީ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނު ފުރިހަމަކުރި ޒުވާނުންނަށް އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓް ވަނީ ދޫފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފަތުރުވެރިކަން، ދަތުރުފަތުރު، ޢިމާރާތްކުރުން، އިޖުތިމާޢީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަން އަދި ފަންނިއްޔާތު ހިމެނޭހެން ޖުމްލަ 6 ދާއިރާއަކުންނެވެ.
މި ތަމްރީނުތައް ކުރިއަށްގެންދިޔައީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށެވެ. މިފަހަރުގެ ކޮހޯޓަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޒުވާނުން ބައިވެރިވި ބެޗެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވާ ދިވެހި ހުނަރުވެރިން އުފެދިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ