ކަލާ ފެނިލުމުން... 27
އޭގެ އިރުކޮޅެއްފަހުން މައުވާގެ ދެލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފެނުމާއެކު އަފްނާންގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ. މައުވާގެ ދެލޮލުގައި އެވަނީ ކޮންފަދަ ވޭނެއް ހެއްޔެވެ؟ ކޮންފަދަ ހިތްދަތި އަސަރެއް ހެއްޔެވެ؟ އެ މަންޒަރު ފެނުމާއެކު އަފްނާންއަށް އޭނާގެ އަމިއްލަ ނަފްސު އިތުރަށް ކުށްވެރިކުރެވުނެވެ. މައުވާ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހޮރެން ފެށީވެސް އޭނާ ބަލަން ހުއްޓައެވެ. އޭނާގެ ސަބަބުން މައުވާއަށް ކޮށްފައިވާ އަސަރުތައް ވެސް އަފްނާންއަށް އަންދާޒާކޮށްލެވުނެވެ. ކުރެވުނު ކުށުގެ ބޮޑުކަން އިޙްސާސްކުރެވުނުއިރު، މައުވާގެ ކިބައިން މާފަށް އެދޭނީ ކިހިނަކުންބާއޭ އަފްނާންގެ ހިތަށް އެރިއެވެ. އިރުކޮޅަކު ހުރުމަށްފަހު ލަސް ފިޔަވަޅުތަކެއްގައި އަފްނާންއަށް އެ ދިމާލަށް ހިނގައިގަނެވުނެވެ. އޭރު ވެސް ހިތް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ. ކައިރިއަށް ހުއްޓުނުއިރުވެސް މައުވާ އޮތީ އޭނާއަށް ބަލަހައްޓައިގެންނެވެ. އެ ނަޒަރު އަފްނާންއާ ވަކިކޮށްލުމެއް ނެތިއެވެ. "މައު…" އަފްނާން އޭނާގެ އަތް ހިއްލާލާފައި މައުވާގެ ކަރުނަތައް ފުހެލަންވެގެން އުޅުނު ނަމަވެސް މައުވާ އެ ފުުރުސަތެއް އަފްނާންއަކަށް ނުދިނެވެ. އޭނާ މޫނު އަނބުރާލުމުން އަފްނާންގެ ހިތުގައި ޖެހުނެވެ. މައުވާ އެނބުރިގެން އޮންނަން ފެށުމުން އޭނާ އަނެއްކާވެސް މައުވާއަށް ގޮވާލިއެވެ. "މައު…" އަފްނާންގެ އަޑުގައިވަނީ ވޭނީ އަސަރެކެވެ. މައުވާ ދެންވެސް އަފްނާންއަކަށް ބަލައެއް ނުލިއެވެ. އޭނާ އެ އޮތް ގޮތަށް އޮތީއެވެ. މިހާރު ހީވަނީ އަފްނާންއާ ހަތަރު ކަޅި ބައްދަލުކުރަންވެސް ބޭނުން ނުވެފައި އޮތްހެންނެވެ. "އައެމް ސޮރީ. އަހަންނާ ދިމާލަށް ބަލާވެސް ނުލާނަންތަ؟" އަފްނާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އޭނާ މައުވާގެ އަތުގައި އަތް ޖައްސާލަން އަތް އުފުއްލާލާފައިވެސް މަޑުޖެހުނެވެ. ހީވީ އޭނާގެ އަމިއްލަ ނަފްސު އެކަމަށް އުޒުރުވެރިވީހެންނެވެ. "ވަރަށް ވަރަށް ބޮޑަށް ސޮރީ…" އޭނާ ތަކުރާރުކޮށް މައުވާގެ ކިބައިން މާފަށް އެދުނު އިރު، އަނެއްފަރާތަށް އެނބުރިގެން މައުވާ ރޮނީކަން އަފްނާންއަށް އެނގުނެވެ. "އަހަންނަށް އެނގޭ އަހަންނަށް މައުއާ ދޭތެރޭ ކަންތައްކުރެވުނީ ވަރަށް ގޯސްކޮށްކަން. އެގޮތަށް ކަންތައްކުރީ އަހަންނަކީ ވަރަށް ރަހުމު ކުޑަ މީހަކަށްވީމަ. އަހަރެން އަހަރެންގެ ކުށް ޤަބޫލުކުރަން. އެކަމަށް ކިތަންމެ ވަރަކަށް މާފަށް އެދުނު ނަމަވެސް، މާފުކުރަން ފަސޭހަ ނުވާނެކަން ވެސް އެނގޭ. "އަފްނާން ބުނެލިއެވެ. "އޭރު އަހަންނަށް އަމިއްލަ ހިތުގެ ޙާލު އިޙްސާސް ނުކުރެވުނީ. އަހަރެން… އަހަރެން މައު ދެކެ ލޯބިވާވަރު ވެސް އަންދާޒާ ކޮށްނުލެވުނީ. އެކަމަކު… މިހާރު އެކަން ޔަޤީންވެއްޖެ. މައު ނޫން އެހެން އަންހެން ކުއްޖަކާ ދިމާލަށް އެފަދަ ނަޒަރަކުން ބަލާލާފަވެސް ނޯންނާނެ. އަހަރެންގެ ހިތުން ޖާގަ ދެވުނު ހަމަ އެކަނި އަންހެން ކުއްޖަކީ ތީ. އަހަރެން މައު ދެކެ ވަރަށް ލޯބިވޭ…" އަފްނާން އޭނާގެ ހިތުގެ ޙާލު މައުވާގެ ކުރިމަތީގައި ބަންޑުން ކުރަމުން ދިޔަނަމަވެސް، ދެންވެސް މައުވާ އެއްޗެއް ނުބުންޏެވެ. "އަރި ރިއަލީ ލަވް ޔޫ…" އެހެން ބުނެލާފައި އަފްނާން މައުވާގެ އަތުގައި އަތް ޖައްސާލި ނަމަވެސް، މައުވާ އެ އަތް ދުރުކޮށްލިއެވެ. "ސޮރީ…" އަފްނާން އަނެއްކާވެސް މާފަށް އެދުނެވެ. އެ ނޫނީ ބުނާނެ އެއްޗެއް މިހާރު އޭނާގެ ސިކުނޑީގައި ނެތެވެ. "އަފްނާން އަހަރެން ދެކެ ލޯބިވާނަމަ އެހެން ކަންތަކެއް ނުކުރާނެ. ކިހިނެއް އެނގެނީ މިހާރުވެސް ތި ހަދަނީ ތެދުކަން." މައުވާ އެއްޗެއް ބުނީ އެހާ ހިސާބުންނެވެ. އަފްނާންއަށް އޭނާ ދެކެ ލޯބިވާކަމަށް ދައުވާކުރެވިދާނެއެވެ. އެހެންނަމަވެސް، މިހާރު އެ ލޯތްބަށް އިތުބާރުކުރުމުގެ ހިތްވަރެއް އޭނާގެ ނެތެވެ. އަފްނާންގެ ފަރާތުން ލިބުނު އަނިޔާގެ ސަބަބުން އެހިތް ވަކީ ބަލިކަށިވެފައެވެ. މިއަދު އަފްނާން ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުނުކުރެވޭ ސަބަބަކީވެސް އެއީއެވެ. މީގެ ކުރީގެ އަފްނާންވެސް ލޯބިވާކަމުގައި ދައުވާކުރިއެވެ. އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދަ ދޭނެކަމަށް ބުންޏެވެ. އެހެންނަމަވެސް އާޚިރުގައި ވީ ކީއްހެއްޔެވެ؟ އަފްނާންގެ މަކަރުވެރިކަން އޭނާގެ މުޅި ދިރިއުޅުން ހަލާކުކޮށްލީއެވެ. ވީއިރު އަލުން އެލޯތްބަށް އިތުބާރުކުރާނީ ކިހިނަކުން ހެއްޔެވެ؟ އެ ދައްކާ ވާހަކަތައް އޭނާ ޤަބޫލުކުރާނީ ކިހިނަކުން ހެއްޔެވެ؟ "މައު…." މައުވާ ވާހަކަ ދެއްކުމުން އަފްނާންއަށް ހިނި ހިނިތުންވުމެއް އަމިއްލަ ނަފްސަށް ހަދިޔާކޮށްލެވުނެވެ. އެއީ މަލާމާތުގެ ހިނިތުންވުމެކެވެ. އޭނާގެ އަމިއްލަ ނަފްސަށެވެ. މައުވާގެ އެ ވާހަކަތަކުގައި ވި އަސަރުން އަދިވެސް މައުވާގެ ހިތުގައި އޭނާއާ މެދު އިޙްސާސްތަކެއް ވާކަން އަފްނާންއަށް ޤަބޫލުކުރެވުނެވެ. "އަހަންނާ ދިމާލަށް ބަލާލަބަލަ." އަފްނާން އެދުނެވެ. އެ ހުރިހާއިރު ވާހަކަ ދެއްކުމުންވެސް މައުވާ އޭނާއާ އަނގައިން ބުނީ އެންމެ ފަހަރަކުއެވެ. އޭނާގެ ކުށް ހަނދާންކޮށްލަދީފައި އިތުރު އެއްވެސް އެއްޗެއް މައުވާ ނުބުންޏެވެ. މައުވާ ލޯ ފުހެލިތަން ފެނި އެ މަންޒަރު ބަަލަން ހުރެފައި އަފްނާން އެނދުގެ އަނެއްފަރާތަށް ގޮސް ހުއްޓުނެވެ. މައުވާއަށް ފެންނާނެ ގޮތަކަށެވެ. މައުވާ ލޯ މަރާލިއެވެ. އެ އަމަލުން އޭނާ އަފްނާންގެ ސޫރަވެސް ދެެން ބޭނުމެއް ނޫނޭ ބުނާފަދައެވެ. "މައު އަހަންނާ ދިމާލަށް ބަލާލަން ބޭނުން ނޫނަސް އެކަންވެސް ޤަބޫލުކުރާނީ އުފަލުން ހުރެ. އަހަންނަށް އެނގޭ އަހަރެންގެ ސަބަބުންކަން މިހުރިހާކަމެއް މިވީ. އެކަމަކު އަހަންނާ ވާހަކަ ދައްކަބަލަ. މައުގެ ތިހިތުގައިވާ ހުރިހާ ޝަކުވާއެއް އަހަރެން އަހާނަމޭ…ދިން ކޮންމެ އަދަބެއް ޤަބޫލުކުރާނަން." އަފްނާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ. "އެހެންވިއްޔާ އަހަރެން ފެންނަ ހިސާބަށް ނާދޭ. އަހަރެން ބޭނުމެއް ނޫން އަފްފާންގެ ސޫރަވެސް ފެންނާކަށް. ޔޫ ރުއިންޑް މައި ލައިފް. " މައުވާ ބުނެލިއެވެ. "އަހަންނަކަށް ނުހުރެވޭނެ. މައުއާ ދުރުގައި ނުހުރެވޭނެ. އަހަރެން ވަރަށް ލޯބިވޭ. ކިހިނެއް މައު ނުފެންނަ ހިސާބުގަ ހުންނާނީ. އުމުރު ދުވަހު މާފަށް އެދި އެދި ހުންނަން ޖެހުނަސް އެކަންވެސް ކުރާނަން." އެ ޖުމްލަތައް ވީ އަފްނާންގެ ހިތުގައެވެ. ދުލުން ބުނަން ނުކުޅެދުނު އިރު މައުވާގެ ކުރިމަތީގައި އިސްޖަހާލަން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. އޭނާ ކަންތައްކުރި ގޮތުން އެހާ ފަސޭހައިން މައުވާ އޭނާއަށް މާފުނުކުރާނެކަންވެސް އަފްނާންއަށް އެނގެއެވެ. "މިތަނުން ދޭ…." އަފްނާން ސިހުނީ މައުވާގެ އަޑަށެވެ. އޭނާ އިސްއުފުލާލިއިރު މައުވާ އޮތީ އޭނާއަށް ބަލަހައްޓައިގެންނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމުން އަފްނާން މައުވާއަށް ގޮވާލާފައި ކޮންމެވެސް ވާހަކައެއް ބުނަން އުޅުނު ނަމަވެސް ލޯ މަރާލަމުން މައުވާ ނޫނެކޭ ބުނެ އެކަމުން މަނާވެގަތެވެ. އޭނަ އަފްނާންގެ އެއްވެސް ވާހަކައެއް އަޑު އަހާކަށް ބޭނުމެއް ނޫނެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ހިންދަމުން އަނެއްކާވެސް އެތަނުން ދާށޭ އަފްނާންގެ ގާތުގައި މައުވާ ބުނެލިއެވެ. އެވަގުތު އިތުރު އެއްޗެއް ބުނަން އަނގަހުޅުވާލި އަފްނާން މަޑުޖެހުނީ ދޮރު ހުޅުވާލާފައި ރާމިޒާ ވަނުމުންނެވެ. އަފްނާން ފެނުމާއެކު ރާމިޒާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. މައުވާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފެނުމާއެކު އޭނާ އަފްނާން ދެކެ އިތުރަށް ރުޅި އަންނަ ގޮތްވިއެވެ. "މަންމާ. އޭނަ ކައިރީ ބުނެބަލަ މިތަނުން ދާށޭ. އަހަރެން ބޭނުމެއް ނޫނޭ އޭނާގެ ސޫރަވެސް ފެންނާކަށް. "ރާމިޒާގެ ކުރިން ވާހަކަ ދެއްކީ މައުވާއެވެ. "އަޑު އިވިއްޖެއެއްނު. ދެން ދޭ…" ރާމިޒާ ބުނެލިއެވެ. އޭނާ އަތުގައި ހުރި ކޮތަޅުތައް ގެންގޮސް ސައިޑް ޓޭބަލް މަތީގައި ބަހައްޓަމުން އަފްނާންއާ ކުރިމަތިލިއެވެ. "ސޮރީ… " އެ ދެމީހުންނަށް އަޑު އިވޭވަރަށް މަޑުމަޑުން ބުނެލާފައި އަފްނާން ގޮސް އެތަނުން ނުކުތެވެ. "ދަރިފުޅާ… ނުރޮއި… " ރާމިޒާ މައުވާގެ ކަރުނަތައް ލޯތްބާއެކު ފުހެލަމުން ބުނެލިއެވެ. މައުވާވެސް ކަރުނަތައް ހިންދާލަމުން ހަމަޖެހެން މަސައްކަތްކުރިއެވެ. އަފްނާން ނުކުމެގެން ދިޔަ ދޮރާ ދިމާލަށް ބަލައިލުމާއެކު ލޯ މަރާލެވުނީ މާޒީއާ މެދު ވިސްނާލާފައެވެ. އެ މާޒީގެ ހިތިކަން އަދިވެސް އެބަ އޭނާގެ އަރުގައި ލައެވެ. އަފްނާންގެ ސަބަބުން ލިބުނު ހިތްދަތިކަމަށް އޭނާ އެހާ ފަސޭހައިން މާފުކުރާނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ވީ ބޭޒާރުގެ އަގު ދުވަހަކު އަފްނާންއަށް އަދާކުރެވޭނެހެއްޔެވެ؟ * * * * * ދެ އަހަރު ކުރި ޔުނިވާސިޓީ ބެންޗުގައި އެކަނި މާއެކަނި އިށީނދެލައިގެން އިން މައުވާ އަފްނާންގެ ނަންބަރަށް ގުޅޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް މާޔޫސްވީ އަފްނާން ފޯނު ނުނަގާތީއެވެ. ކޮންމެ ފަހަރަކުވެސް ރިންގުވެފައި ކެނޑެނީއެވެ. އެކަމުން އުދާސްވެފައިވާ ހިތުގައި އިތުރަށް ރިއްސުން ނޫންކަމެއް ނުވިއެވެ. ފޯނުގައިވާ އަފްނާންގެ ނަންބަރަށް ބަލަހައްޓައިގެން މައުވާއަށް އިނދެވުނުއިރު، އެ މޫނުމަތި ވަނީ މިލާފައެވެ. އެއްވެސް އުފާވެރިކަމެއް އެ މޫނުމައްޗަކުން ނުފެނެއެވެ. އަފްނާން އޭނާއާ ދޭތެރޭ އެގޮތަށް ކަންތައްކުރަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ކުރެވުނު ކުށަކީ ކޮބާހެއްޔެވެ؟ އަފްނާން ހިތްހަމަ ނުޖެހޭ ގޮތަކަށް ކަމެއް ކުރެވުނީހެއްޔެވެ؟ ނޫނީ އަފްނާން ހިތްހަމަ ނުޖެހޭ މީހަކާ ވާހަކަ ދެއްކުނީ ހެއްޔެވެ؟ އެގޮތަށް އިންދާ ސިހުން ލިބުނީ ޔޫޝައު އައިސް އޭނާގެ އެއްފަރާތުގައި އިށީނުމުންނެވެ. މައުވާގެ މޫނުމަތީގައިވި އުދާސްކަމުން އެންމެ އުނދަގޫވަނީ ޔޫޝައުއަށެވެ. އާއިލީ ކަމެއް ދިމާވިނަމަވެސް، މައުވާ މެދު އެހާ ފަރުވާކުޑަކޮށް އިހުމާލުވާންޖެހޭ ކަމަކަށް ޔޫޝައު ޤަބޫލެއް ނުކުރެއެވެ. މައުވާގެ މޫނުމަތިން ހިނިތުންވުމެއް ނުފެންނަތާ ވެސް ކޮން ދުވަހެއް ހެއްޔެވެ؟ އޭނާ ވަރަށް ފުން ނަޒަރަކުން މައުވާއަށް ބަލައިލިއެވެ. މައުވާގެ މޫނުމަތި ވަނީ މިލާފައެވެ. އެއްވެސް ދިރުމެއް އެ މޫނުމައްޗަކުން ނުފެނެއެވެ. ޔޫޝައުއާ ދިމާލަށް ބަލާލާފައި މައުވާ ހިނިތުންވާން މަސައްކަތްކުރި ނަމަވެސް، އޭނާގެ ދެލޮލުން ބުނެދެނީ އެހިތަށް ވަރަށް އަސަރުކޮށްފައިވާ ކަމެވެ. "އަފްނާންއަށް ގުޅިއްޖެތަ؟" މައުވާއަށް ބަލާލާފައި ޔޫޝައު ސުވާލުކޮށްލުމުން އިސްޖަހާލި މައުވާ ނޫނެކޭ ބުނެލިއެވެ. "އަހަރެން ގުޅާލަންތަ؟" ޔޫޝައު އެހެން ބުނެލާފައި، އަފްނާންއަށް ގުޅާލިއެވެ. އެހެންނަމަވެސް އޭނާގެ ކޯލަކަށްވެސް އަފްނާން ޖަވާބެއް ނުދެއެވެ. "އަފޫމެން ގެ އިނގޭތަ؟" އެންމެފަހުން މައުވާ އަހައިލިއެވެ. ޔޫޝައު ބޯ ޖަހައިލި ނަމަވެސް، އޭނާ އިނީ ހައިރާންވެފައެވެ. މައުވާ އެހާވެސް އަފްނާން ދެކެ ލޯބިވޭހެއްޔެވެ؟ އަފްނާން އުޅޭ ތަނެއް ހޯދައިގެން އަފްނާންގެ ކައިރިއަށް ދާހާ ވަރަށް އޭނާގެ ހިތުގައި އަފްނާންއާ މެދު ޖަޒުބާތުތައް ވަނީ ހެއްޔެވެ؟ "އެކަމަކު ކީއްކުރަން؟ މައުވާ ދާންތަ؟" ޔޫޝައު ސުވާލުކޮށްލިއެވެ. "އާނ.." މައުވާ ބޯ ޖަހާލިއެވެ. ޔޫޝައުއަށް އިތުރު ވާހަކައެއް ނުބުނެވި އުޅެނިކޮށް ޒާޔާ އައިސް އެ ދެމީހުން ކައިރީގައި މަޑުކޮށްލިއެވެ. އޭރު އޭނާގެ އަތުގައި ހުދުކުލައިގެ ކޮތަޅެއް އޮތެވެ. "ކިހިނެއްވީ؟" ޒާޔާ ސުވާލުކޮށްލިއެވެ. އޭނާއަށް ވެސް މައުވާގެ މޫނުމަތީގައިވި މާޔޫސްކަން ފާހަގަވިއެވެ. "އަފޫއާ ނުގުޅިގެންތަ؟" ދެވަނަ ފަހަރަށް ވެސް ޒާޔާ ސުވާލުކޮށްލިއެވެ. އެއާއެކު މައުވާ ޒާޔާއާ ދިމާލަށް ބަލައިލިއެވެ. އޭރު ޒާޔާގެ ތުންފަތްމަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. "ދެން ތިހާ ކަންބޮޑުނުވެބަލަ. މީ އަފޫ ދިން އެއްޗެއް؟" ޒާޔާ އެހެން ބުނެލާފައި، އޭނާގެ އަތުގައި އޮތް ކޮތަޅު މައުވާއަށް ދިއްކޮށްލިއެވެ. މައުވާ އޭގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ. އޭގަ އޮތީ މިރޭ މައުވާއަށް ވަރަށް ޚާއްސަ ސަޕްރައިޒެއް އޮންނާނެކަމަށާއި ގަޑިއަށް އެ ކާޑުގައި ބުނެފައިވާ ތަނަށް ދިޔުމަށެވެ. އައި ދާއިރު، އެ ކޮތަޅުގައި އޮތް ހެދުން ލައިގެން ދިޔުމަށްވެސް އެދިފައިވެއެވެ. "މީ ކޮންކަމެއް؟ އަހަރެން ގުޅީމަ ފޯނެއް ވެސް ނުނަގާ." މައުވާ ބުނެލިއެވެ. އޭނާ އެ ކޮތަޅުގެ އެތެރެއަށް ބަލައިލިއެވެ. އޭގެތެރޭގައި އޮތީ ކަނޑުނޫކުލައިގެ ހެދުމެކެވެ. "ތީ އެއްނު އަފޫ މައުއަށް ދޭން އުޅޭ ސަޕްރައިޒަކީ. އައި ތިންކް ހީ އިޒް ގޮއިންޓު ޕްރޮޕޯޒް ޔޫ… އަހަރެން ކައިރީގަ ބުނި ޔޫޝައުވެސް ގޮވައިގެން އަންނައްޗޭ." ޒާޔާ ހުރީ ވަރަށް އުފަލުންނެވެ. އެއްފަހަރު ޒާޔާއަށް އަނެއްފަހަރު އެކޮތަޅަށް ބަލައިލި މައުވާ އިނީ އަދިވެސް ޤަބޫލުނުކުރެވިފައެވެ. "އަހަރެން ބުނީމެއްނު އަފޫ މައު ދެކެ ވަރަށް ލޯބިވެޔޭ. ފެމެލީ ކަންތަކުގެ ސްޓްރެސް ވެފަ ހުރީމައޭ އެގޮތަށް އެ ކަންތައްކުރީ." މައުވާގެ ގައިގައި ކުޑަކޮށް ބައްދާލާފައި ޒާޔާ ބުނެލިއެވެ. މައުވާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަތުގައި އޮތް ފޯނު ރިންގުވުމާއެކު މައުވާ ބަލައިލިއެވެ. އަފްނާންގެ ނަން ފެނުމާއެކު އެ ހިނިތުންވުން ފުޅާވިއެވެ. އެއާއެކު ޒާޔާ ޔޫޝައު ގޮވައިގެން އެތަނުން ދިޔައީ އަފްނާންއާ ވާހަކަ ދައްކަން މައުވާއަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަފްނާންގެ ފޯނު ކޯލާއެކު މައުވާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމުން އޭނާ އަފްނާން ދެކެ ލޯބިވާވަރު ޔޫޝައުއަށް އެނގުނެވެ. އެއާއެކު އޭނާގެ ހިތުގައި ރިއްސާލިއެވެ. މައުވާ ދެކެ އޭނާވެސް ލޯބިވެއެވެ. ފާޅުނުކުރިއެއްކަމަކު އިންތިހާއަށް މައުވާއަށް އެދެވެއެވެ. މައުވާގެ ހިތަކީ އަފްނާންއަށް މިލްކުކުރެވިފައިވާ އެއްޗަކަށް ވީކަމުގައި ވީނަމަވެސް، އެކަން އޭނާގެ ބަސްނާހާ ހިތުން ޤަބޫލެއް ނުކުރެއެވެ. "ޔޫޝައު… ކިހިނެއްވީ؟" ޒާޔާ ވާހަކަ ދައްކަމުން ދިޔައިރުވެސް ޔޫޝައު އެއްޗެއް ނުބުނުމުން ބަލައިލިއިރު އޭނާ ހުރީ މައުވާއަށް ބަލަހައްޓައިގެންނެވެ. ޔޫޝައުގެ އަތުގައި ވިކާލަމުން ޒާޔާ ސުވާލުކޮށްލުމުން ޔޫޝައު އޭނާގެ އަމިއްލަ އިޙްސާސްތައް ފޮރުވާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާގެ ހިތުގެ އިޙްސާސްތައް އެއްވެސް މީހަކަށް އެނގިގެން ނުވާނެއެވެ. ޒާޔާއަށްވެސް މެއެވެ. އެމީހުންގެ އެންމެންގެ އެކުވެރިކަމަށް ބުރޫއަރާ އެއްވެސް ކަމެއް ވާކަށް ޔޫޝައު ބޭނުމެއް ނޫނެވެ. މައުވާ އުފަލުގައި ހުންނަންޏާ އޭނާވެސް ހުންނާނީ އުފަލުންނެވެ. "ޝީޒް ވެރީ ހެޕީ ދޯ. މިހާ ދުވަސްފަހުން އަދި އަލަށް އެހާ ހީނލާފަ ވާހަކަ ދައްކާތަން މި ފެނުނީ." ޔޫޝައު ބުނެލިއެވެ. ޒާޔާވެސް އާއެކޭ ބުނެލާފައި ހިނގައިގަތެވެ. ***** ޔުނިވާސިޓީއިން ގެއަށް ދިޔުމަށްފަހުވެސް، މައުވާއަށް ވިސްނެނީ އަފްނާންއާ މެދުގައެވެ. އަފްނާންއާ މެދު ޝައްކުކުރެވުނީތީ އޭނާ އަމިއްލަ ނަފްސަށް އަޑު ލިޔެވެ. އަފްނާންއާ ބައްދަލުކުރަން ދާހިތުން، ގަޑީގެ ކަށިވެސް ހީވަނީ ލަހުން އެނބުރޭހެންނެވެ. އޭނާ ހުރީ އެހާވެސް އުފާވެފައެވެ. އަށެއް ޖަހާއިރަށް ތައްޔާރުވާން ވެެގެން އެހާ އަވަހަށް ފެންވަރަށް ވެސް ވަދެއްޖެއެވެ. އޭނާ ލީ އަފްނާން ދިން ހެދުމެވެ. އެއީ ކަނޑުނޫކުލައިގެ، ކަކުލުން ތިރިއަށް އަންނަ ވަރުގެ ޕްރޯމް ޑްރެސްއެކެވެ. އެއަށްފަހު އަފްނާން ދީފައި އޮތް، ގަހަނާ ފޮށި ނެގިއެވެ. އޭގައި އޮތީ ނޫކުލައިގެ އެސްތަކެއް ޖަހާފައި ހުރި ފަށެކެވެ. އޭގެ ފުލުގައި ވަނީ ނޫ ކުލައިގެ ޖަވާހިރެކެވެ. އަތުގައި އަޅާ އުޅާއެއްގެ އިތުރުން ކަންފަތުގައިލާ އެއްޗެއްވެސް އޮތެވެ. ހުރިހާ އެއްޗެސް ވެސް ހެދުމާ ނުހަނު ގުޅެއެވެ. އެއަށް ބަލަހައްޓައިގެން މައުވާއަށް އިރުކޮޅަކު ހުރެވުނުއިރު، އެެ އަގު ބޮޑުވާނެ ވަރު އަންދާޒާކޮށްލެވުނެވެ. އެ އެއްޗެހި އަޅައިގެން ނުކުމެއްޖެ ނަމަ، މަންމަމެންގެ ސުވާލުތަކާ ކުރިމަތިވާނެކަން މައުވާއަށް އެނގެއެވެ. އެހެންކަމުން އެ އެއްޗެހިތައް ކަބަޑަށްލާފައި އޭނާ ނިންމީ ހަމަ އެކަނި އަފްނާން އޭނާއަށް ދިން އަނގޮޓި އެޅުމަށެވެ. އަފްނާން އެހާ ވަރުން ދިން އެއްޗެހި ނާޅާ ނުކުންނަން ވުމުން ދެރަވި ނަމަވެސް، މަންމަމެންގެ ކުރިމަތީގައި އެ އަޅައިގެން ނުކުންނަން އޭނާ ފަސްޖެހުނީއެވެ. ފަންއިސްތަށިގަނޑު ކުޑަކޮށް ރާޅުބާނީ ކޮށްލަމުން ދޫކޮށްލުމާއެކު، ތައްޔާރުވެލާ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށް ބަލައިލިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ