ވާދަވެރި ކުޅުމަކަށްފަހު އާސެނަލް އިން ޓޮޓެންހަމް ބަލިކޮށްފި

އިގިރޭސި ޕްރެމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި  ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ބްރައިޓަން އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލީގުގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ނިއުކާސަލް އަތުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޓޮޓެންހަމް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސައުތު ކޮރެއާ ފޯވާޑް ސޮން ހިއުން މިންގް އެވެ.
Advertisement
އާސެނަލް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައެވެ. މިލަނޑަކީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު ގެބްރިއަލް ފޮނުވާލި ހަމަލާއެއް ދިފާއުރަން އުޅުމުގެތެރޭގައި ޓޮޓެންހަމްގެ ފޯވާޑް ޑޮމެނިކް ސޮލާންކޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމުގެ ބެލްޖިއަމް ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑުހޯދައިދީފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 21 މެޗުން އާސެނަލްއަށް 43 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް ލީގުގައި ކުޅުނު 21 މެޗުން އެޓީމަށް 24 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތަވާލުގެ 13 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ