ދެ މިނިސްޓްރީއަކަށް ދިވެހިބަހުން ކިޔާ ނަން ހަމަޖައްސަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާއެކު ދެ މިނިސްޓްރީއަކަށް ދިވެހި ބަހުން ކިޔާ ނަން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، 26 ޑިސެންބަރު 2024 ގައި ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، އެ މިނިސްޓްރީތަކަށް ދިވެހިބަހުން ކިޔާނޭ ނަންތައް ރައީސް މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.
އެގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް، ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއެވެ.
ރައީސް މުއިއްޒު މިފަހުން ވަނީ ކެބިނެޓަށްވެސް ބަދަލުތަކެއް ގެންނަވާފަ އެވެ. އެގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ މަގާމަށް މޫސާ ޒަމީރު، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމަށް ޑރ. އަލީ ހައިދަރު އަހްމަދު، މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމަށް ޑރ. މަރްޔަމް މާރިޔާ އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް ޑރ. އަބްދުﷲ މުއްތަލިބް ވަނީ އައްޔަނު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ