އޭޝިއާގެ ކްލަބްތަކުގެ އެންމެ މަތީ މުބާރާތްތަކުގައި ރާއްޖޭގެ ޓީމެއް ނެތް ނަމަވެސް ރާއްޖޭގެ ނަން ގެންގޮސްދޭނެ ދިވެއްސަކު އެބަ ހުއްޓެވެ: އަހުމަދު ޝާހިރެވެ.
އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ)ގެ އެންމެ ތަޖުރިބާކާރު މެޗު ކޮމިޝަނަރުންގެ ތެރޭގައި ހިމެނޭ ޝާހިރަށް ދެން އޮތީ ބޮޑު މެޗެކެވެ. އެ މެޗު ބޮޑުވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރު ކުޅޭތީ އެވެ. އިންޑިއާގެ ގޯވާގައި މި މަހު 22ގައި އޮންނަ އެ ވާދަކުރުމުގެ އެންމެ އިސް އޮފިޝަލަކަށް ޝާހިރު ވަނީ ހަމަޖައްސައިފަ އެވެ.
އޭއެފްސީގެ ދެވަނަ ދަރަޖައިގެ ކްލަބް މުބާރާތް އޭއެފްސީ ޗެމްޕިއަންސް ލީގު ދޭއްގެ ގްރޫޕް ސްޓޭޖްގައި އެފްސީ ގޯވާއާ ދެކޮޅަށް އަލް ނަސްރު ނުކުންނަ އިރު ގްރޫޕް ޑީގެ އެއް ވަނާގައި އޮތީ ވެސް އެ ރޮނާލްޑޯގެ ޓީމެވެ.
އިންޑިއާގައި ވެސް މި މެޗު މިހާރު ވަރަށް މަޝްހޫރެވެ. ގިނަ މީހުން ތިބީ ރޮނާލްޑޯ ފެންނާނެކަމުގެ އުއްމީދުގަ އެވެ. ނަމަވެސް ގްރޫޕްގައި އެންމެ ފަހުން ތަޖިކިސްތާނުގެ އިސްޓިކްލޮލްއާ ދެކޮޅަށް އަލް ނަސްރު 5-0 އިން މޮޅުވި މެޗުގައި ވެސް ރޮނާލްޑޯ ނުކުޅެ އެވެ. އެހެންކަމުން އިންޑިއާގެ ފަސްގަނޑުގައި އޭނާގެ ފުރަތަމަ މެޗަށް އެފްސީ ގޯވާގެ މެޗު ވެދާނެތޯ އަދި އޮތީ ސުވާލު މާކެއްގަ އެވެ.
އޭއެފްސީ ޗެމްޕިއަންސް ލީގުން އަލް ނަސްރަށް ފުރުސަތު ނުލިބުނީ ސައުދީ ޕްރޮ ލީގުގެ ހަތަރު ވަނައަށް މި ފަހަރު ވެއްޓުމުންނެވެ. ސައުދީ ލީގުން ޗެމްޕިއަންސް ލީގަށް ކޮލިފައި ވަނީ ތިން ޓީމެވެ.
އެކަމަކު ޗެމްޕިއަންސް ލީގު ދޭއްގެ ޗެމްޕިއަންކަން ހޯދައިފި ނަމަ އަލް ނަސްރަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގު އެލީޓުން ޖާގައެއް ލިބޭނެ އެވެ.
ޝާހިރަކީ އޭޝިއާގައި ކުޅޭ ރަސްމީ ބޮޑު އެތައް މެޗެއްގެ ކެޗު ކޮމިޝަނަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ވެސް ހިމެނެ އެވެ.
ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް އެތައް އަހަރެއް ވަންދެން ކުރެއްވި ތަޖުރިބާކާރު ފުޓްބޯޅައިގެ ހިދުމަތުގައި މިހާރު ދެމިހުންނަވަނީ މެޗު ކޮމިޝަނަރެއްގެ ގޮތުގަ އެވެ.
ރޮނާލްޑޯގެ އަލް ނަސްރު އިންޑިއާގައި ކުޅޭ މެޗުގެ ކޮމިޝަނަރަކަށް ޝާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ